ކ. ކާށިދޫގެ މުދާ އުފުލާ ބޯޓެއް ކަމަށްވާ 'ފައިސަލާ' ބޯޓު އެ ރަށު ފަރަށް އަރައި، އެ ބޯޓުން ދަތުރުކުރަމުން ދިޔަ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ކާށިދޫ އަށް ދަތުރު ކުރި 'ފައިސަލާ' ބޯޓު، ކާށިދޫގެ ފަރަށް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

އެ އުޅަނދުން 11 މީހުން ދަތުރުކުރި ކަމަށާއި، އޭގެތެރެއިން 10 މީހުން ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ހަރަކާތްތެރިވެ ސަލާމަތް ކޮށްފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ ދޯނި ފަރަށް އެރީ، މިރޭ 20:00 ހާއިރު އެވެ. އެނގިފައިވާ ގޮތުގައި ދޯނިން ގެއްލިގެން ހޯދަނީ ބިދޭސީއެކެވެ.

ފަރަށް އެރީ ކާށިދޫއާއި މާލެއާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓެކެވެ. ދޯނި ފަރަށް އެރިއިރު، އެ ދޯނީގައި ތިބީ ކިތައް މީހުންކަމެއް އަދި ސާފެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޯޓުގެ އެއްބައި އޮތީ އަޑިއަށް ގޮސްފައެވެ.

ބޯޓު ފަރަށް އެރުމާއި ގުޅިގެން ދޯނީގައި ހުރި ގިނަ މުދާތައް އޮޔާދާތީ، އެ ސަރަަހައްދުން ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.