ބޭންކް އޮފް މޯލްޑިވްސްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ހދ. އަތޮޅުގެ އިތުރު ހަތަރު ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި އެވެ.

މިއަދު ވަނީ ހަނިމާދޫ، ނައިވާދޫ، ނެއްލައިދޫ އަދި ނޮޅިވަރަމުގައި ހިދުމަތް ގާއިމުކޮށްފަ އެވެ.

ހިދުމަތް ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުތަކުގައި ރައީސް މުހައްމަދު މުއިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ ރައްޔިތުން ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމުގައި އޭޓީއެމްތަކުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

"ކަސްޓަމަރުން ދިރިއުޅޭ ކޮންމެ ތަނެއްގައިވެސް ފަސޭހައިން ޚިދުމަތް ލިބޭނެ ވަސީލަތްތައް ގާއިމުކުރަމުން ދިޔުމަކީ ހަމައެކަނި ބޭންކަށް ލިބޭ ފަޚުރެއް ނޫން، މިއީ މި މުޖުތަމަޢުތަކަށްވެސް ލިބޭ އުފަލެއް،" ޝަރީފް ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 41 ބްރާންޗް، 150 ސެލްފްސާވިސް ބޭންކިން ސެންޓަރު، 208 އޭޓީއެމް އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުންޏެވެ.