ފިނި ފިނި އައިސްކްރީމެއް ނުވަތަ ފިނި ބުއިމެއް ބޯލާ ވަގުތު، ނިތްކުރިއަށް ނުވަތަ ބޮލުގެ ނާރުތަކަށް ކުއްލިއަކަށް އަރާ ތޫނު ތަދަކީ ގިނަ ބަޔަކަށް ތަޖުރިބާ ކުރެވިފައިވާ ކަމެކެވެ.

ސިއްހީ ގޮތުން މި ކަމަށް ކިޔަނީ 'ސްފެނޮޕެލެޓައިން ގޭންގްލިއޯނިއުރަލްޖިއާ' އެވެ. ނަމަވެސް އާންމުކޮށް މި ކަން މަޝްހޫރު ވެފައިވަނީ 'ބްރެއިން ފްރީޒް' ނުވަތަ 'އައިސްކްރީމް ހެޑޭކް'ގެ ނަމުންނެވެ.

މި ކުއްލި ތަދަކީ ކޮން ސަބަބަކާ ހުރެ މެދުވެރިވާ ކަމެއްކަން ހާމަ ކޮށްދެމުން ސިއްހީ މާހިރުން ބުނަނީ، މިއީ ހަށިގަނޑުން ހޫނުމިން ހިފެހެއްޓުމަށް ކުރާ މަސައްކަތެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށެވެ.

'ބްރެއިން ފްރީޒް' މެދުވެރިވަނީ ކީއްވެ؟

އައިސްކްރީމް ފަދަ ވަރަށް ފިނި އެއްޗެއް ކެއުމުން ނުވަތަ ބުއިމުން، އަނގައިގެ ތަލީގެ ފިނިހޫނުމިން ކުއްލިއަކަށް ދަށަށްދެ އެވެ. މިފަދަ ކުއްލި ބަދަލަކާ ގުޅިގެން ހަށިގަނޑުން ހޫނުމިން ހަމައަކަށް އެޅުވުމަށްޓަކައި ތަލީގައިވާ ލޭނާރުތައް ކުއްލިއަކަށް ހަނިވެ، އޭގެ ފަހުން އަލުން އަނބުރާ ފުޅާވެގެންދެ އެވެ.

މިފަދައިން ލޭނާރުތައް ކުއްލިއަކަށް ފުޅާވުމުގެ ސަބަބުން، މޫނާއި ބޮލުގެ ނާރުތަކާ ގުޅިފައިވާ މުހިންމު ނާރެއް ކަމަށްވާ 'ޓްރިޖެމިނަލް ނާވް'އަށް ބާރު ބޮޑުވެ އެވެ. މި ނާރުގެ ސަބަބުން ބޮލަށް ނުވަތަ ނިތްކުރިއަށް ކުއްލި ތަދެއް އިހުސާސް އެވެ.

މި ތަދުގެ މައިގަނޑު ސިފަތައް

  • ކުއްލިއަކަށް ފެށުން: ފިނި އެއްޗެއް ކާތާ ސިކުންތުކޮޅެއްގެ ތެރޭގައި މި ތަދު އަރަން ފަށަ އެވެ.
  • ގަދަ ތަދެއް އިހުސާސްވުން: މިއީ ވަރަށް ތޫނު އަދި ބާރު ތަދެއްގެ ގޮތުގައި ނިތްކުރިއަށާއި ބޮލުގެ ވަށައިގެން އިހުސާސްވާ ކަމެކެވެ.
  • ވަގުތީ ކަމަކަށްވުން: މި ތަދު އާންމުކޮށް ހުންނާނީ މަދު ސިކުންތުކޮޅަކަށް ނުވަތަ ގިނަވެގެން މިނެޓު ކޮޅަކަށެވެ. އަމިއްލައަށް މި ތަދު ފިލައިގެންދާނެ އެވެ.

މިކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން

'ބްރެއިން ފްރީޒް' އަކީ ނުރައްކާތެރި ކަމަކަށް ނުވި ނަމަވެސް، އެކަމުން އަވަހަށް އަރައިގަތުމަށް އަދި ރައްކާތެރިވުމަށް ބައެއް ކަންކަން ކުރެވިދާނެ އެވެ:

  • ހޫނުމިން އަނބުރާ ހަމައަކަށް އެޅުވުން: ތަދު އަރާ ވަގުތު ދޫ ތަލީގައި ޖައްސައިގެން ނުވަތަ އާދައިގެ ފިނިހޫނުމިނުގައި ހުރި ފެންފޮދެއް ބޯލައިގެން ތަލީގެ ފިނިހޫނުމިން އަނބުރާ ކުރީގެ ހާލަތަށް ގެނެވިދާނެ އެވެ.
  • މަޑުމަޑުން ކެއުން: ފިނި އެއްޗެހި ކާއިރު އަވަސް އަވަހަށް ނުކައި، ކުދިކުދި އެތިކޮޅު ކޮޅުން މަޑުމަޑުން ކެއުމުން މިފަދަ ކަންކަމުން ދުރު ވެވިދާނެ އެވެ.
  • ހޮޅި ބޭނުން ކުރުން: ފިނި ބުއިމެއް ބޯނަމަ ހޮޅިއެއް ބޭނުން ކުރުމުން، އަނގައިގެ ތައްޔަށް ސީދާ ފިނިކަން ވާސިލްވުން ކުޑަަ ކޮށްދެ އެވެ.