ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ އެންމެހައި ކޯޓުތަކުގެ އިދާރީ ކަންކަން ރާވައި ހިންގުމުގެ މަސްއޫލިއްޔަތު އޮންނަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ގާނޫނީ ވަކީލު އަލްއުސްތާޛު އާދަމް ޝަމީމް އައްޔަނުކުރައްވައިފި އެވެ.
ޝަމީމް އެ މަގާމަށް އައްޔަނުކުރެއްވުމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އޭނާއަށް މަރުހަބާ ދަންނަވައިފަ އެވެ.
އާދަމް ޝަމީމަކީ މީގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދިފާއީ ވަކީލުންގެ ޓީމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ. މީގެއިތުރުން، ޑީޖޭއޭގެ އެންމެ މަތީ ވެރިޔާގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އޭނާ އަދާކުރައްވަމުން ގެންދެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމެވެ.
ޑީޖޭއޭގެ ވެރިޔާގެ މަގާމު ހުސްވެފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ އަމިއްލަ ސަބަބުތަކަކާ ހުރެ ކަމަށް ވިދާޅުވެ، މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޑީޖޭއޭގެ އިސްވެރިޔާގެ މަގާމަށް ސިޔާސީ ފަރާތެއް އައްޔަނުކުރިއިރު، ސިވިލް ކޯޓުގެ ގާޒީކަމުގެ މަގާމަށް ވެސް ޕީއެންސީއާ ގުޅުން އޮތް ބޭފުޅަކު އައްޔަނުކުރުމަށް ޖޭއެސްސީން ދާދިފަހުން ނިންމި އެވެ. އެގޮތުން އެ މަގާމަށް އައްޔަނުކުރަން ނިންމީ ކ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް ހުންނެވި ދުވަސްވަރު ކޯޓުގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ސާބިތުވެފައިވާ މުހައްމަދު ރާގިބު އަހުމަދެވެ. ނަމަވެސް، އެ ނިންމުމާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމުން، މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ޖޭއެސްސީން ވަނީ އެ ނިންމުން ބާތިލުކޮށްފަ އެވެ.
ބިން އަތުލެވޭ އިސްލާހާ ދެކޮޅަށް ދެހާހަށްވުރެ ގިނަ މީހުންގެ ސޮއި
އެމެރިކާއާއެކު އަލުން މަޝްވަރާކުރަން އަދި ނުނިންމަން: އީރާން