ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މާލްދީވްސްގެ މެންބަރުކަމުގެ ދައުރު ހަމަވާތީ އެ މަގާމަށް އައްޔަންކުރެއްވުމަށްޓަކައި، ކޮމިޝަނުގެ މިހާރުގެ މެންބަރު ސަމާއު އަހުމަދު ނަޖީބާއި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ޝަމްއޫން ހަދުގެ ނަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ސެޕްޓެންބަރު 14، 2021 ގައި އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރެއްވި ސަމާއުގެ ދައުރު ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ހަމަވާނެ އެވެ. އެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ދެ ނަމުގެ ތެރެއިން އިސްކަންދެއްވާފައިވަނީ ޝަމްއޫންގެ ނަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މި ދެ ބޭފުޅުންގެ ނަން ހުށަހެޅުމަށްފަހު، އެ ނަންތައް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިލައިފަ އެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމުގައި މިހާރުވެސް އިންނެވި ސަމާއު ވަނީ 2015 ވަނަ އަހަރުން ފެށިގެން ބަންޑާރަނައިބުގެ އޮފީހުގެ ސްޓޭޓް އެޓާނީކަމާއި ސީނިއާ ސްޓޭޓް އެޓާނީގެ މަގާމު ފުރުއްވައިފަ އެވެ. އޭގެ ތެރެއިން 2010 ވަނަ އަހަރާއި 2011 ވަނަ އަހަރާ ދެމެދު އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އެޓޭޗޭގެ މަގާމުވެސް އޭނާ ވަނީ ފުރުއްވައިފަ އެވެ.
އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް މެލްބަންއިން މާސްޓާ އޮފް ހިއުމަން ރައިޓްސް ލޯ ހާސިލުކުރައްވާފައިވާ ސަމާއު ވަނީ އިންސާނީ ހައްގުތަކާ ބެހޭ އެކި ވޯކްޝޮޕްތަކާއި ސެމިނާތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ. އަދި އދ.ގެ ޔޫއެންސީއޭސީއަށް ރާއްޖެއިން ކަނޑައެޅި މާހިރުންގެ ޓީމުގައިވެސް އޭނާ ހިމެނިވަޑައިގެންނެވި އެވެ.
ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ޝަމްއޫން ވަނީ 1986 ވަނަ އަހަރުން ފެށިގެން ސަރުކާރާއި ދައުލަތުގެ އެކިއެކި މަގާމުތައް ފުރުއްވައިފަ އެވެ.
އޮސްޓްރޭލިއާގެ ކުއީންސްލޭންޑުގައި ހުންނަ ގްރިފިތް ޔުނިވާސިޓީން ބެޗެލާ އޮފް މިއުޒިކް އަދި ޔުނިވާސިޓީ އޮފް ސިޑްނީން މާސްޓާ އޮފް މިއުޒިކް ފުރިހަމަކުރައްވާފައިވާ ޝަމްއޫން ވަނީ ހިންގުމުގެ ދާއިރާގެ އިސް މަގާމުތަކެއް ފުރުއްވައިފަ އެވެ. އެގޮތުން އެޗްއާރުސީއެމްގެ އަމީންއާންމުކަމާއި، ނޭޝަނަލް ސެންޓަ ފޯ ދި އާޓްސްގެ ޑިރެކްޓަރު ޖެނެރަލްކަމާއި، އެޑިއުކޭޝަން މިނިސްޓްރީގެ މިއުޒިކް ސުޕަވައިޒަރުކަން ހިމެނެއެވެ. އޭނާ އެންމެ ފަހުން ފުރުއްވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ހެރިޓޭޖް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމެވެ.
ހޮރްމޫޒް ކަނޑުއޮޅި އެމެރިކާގެ ތަނެއްގެ ގޮތުގައި ކަނޑައަޅަނީ
އުތީމުގައި "ބޮޑުތަކުރުފާނު ދޮރޯށި" ރައީސް ހުޅުވައި ދެއްވައިފި
އިންޑޮނޭޝިއާގެ ސުމަތުރާއަށްވެސް އިތުރު ބާރުގަދަ ބިންހެލުމެއް
