މަޝްހޫރު ވިޔަފާރިވެރިޔާ ކެރަފާ އަބްދުލްޣަނީ މިއަދު އަވަހާރަވެއްޖެ އެވެ.

އުމުރުން 86 އަހަރުގައި ޣަނީ އަވަހާރަވީ ތައިލެންޑުގެ ބެންކޮކުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނާ އަކީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ އެއް ހިއްސާދާރެވެ.

އޭނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ކާމިޔާބު އެއް ކުންފުނި ކްރައުން ކޮމްޕެނީ އުފެއްދުމުގައި ވެސް އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާ ކަމަށްވާ ޣަނީ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑުބޭބޭފުޅެކެވެ.

ޣަނީއަކީ ނަޝީދުގެ ބައްޕާފުޅާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ މަންމައާ އެއްބަނޑުއެއްބަފާ ބޭފުޅެކެވެ.

ޣަނީ އަވަހަރާވުމާ ގުޅިގެން ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ ރާއްޖޭގައި އިލެކްޓްރިފިކޭޝަނާއި ޓޫރިޒަމާއި ވޮކޭޝަނަލް ޓީޗިން ފަދަ ދާއިރާތަކުގައި ނުހަނު ބޮޑު ހިދުމަތްތެރިއެއް ކަމަށެވެ.