މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މުވައްޒަފުން، އެމްއެމްއޭގެ އެއްވެސް މައުލޫމާތެއް ހާމަކުރުމުން ޖަލަށް ލުމުގެ އަދަބު ވެސް ލިބޭނެކަން ބަޔާންކުރާ ގަރާރެއްގައި ސޮއިކުރުވަން ފަށައިފި އެވެ.
މި ގަރާރުގައިވާ ގޮތުން ވަޒީފާގެ އެއްބަސްވުމުގެ ދަށުން އެމްއެމްއޭގެ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ލިބޭ ނުވަތަ އެނގޭ ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފަހައްޓަން ލާޒިމުވެ އެވެ. ސިއްރު މައުލޫމާތުގެ މާނަ ގަރާރުގައި ވަރަށް ފުޅާކޮށް ބަޔާންކޮށްފައިވާއިރު، ގާނޫނުގައި ބުނާ ގޮތަކަށް މެނުވީ އެމްއެމްއޭގެ މައުލޫމާތެއް ހާމަކުރުމަކީ ކުށެެއް ކަން އަންގާފައިވެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ 11 ވަނަ މާއްދާ ސިއްރު މި މާއްދާގައި ބަޔާންކުރާ ގޮތުން ގާނޫނީގޮތުން ކޯޓަކަށް ބޭނުންވެއްޖެ ހިނދެއްގައި މެނުވީ ނުވަތަ ރަސްމީ ވާޖިބުތައް އަދާކުރުމުގެ ގޮތުން މެނުވީ އެއްވެސް މައުލޫމާތެއް ހާމަކޮށްގެން ނުވާނެ އެވެ. މި މާއްދާއާ ހިލާފުވާ ފަރާތްތަކަށް ދެ އަހަރަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުން ފަދަ އަދަބުތައް ދެވޭނެ އެވެ. އަދި ވިހިހާސް ރުފިޔާއަށް ވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. މި އަދަބުތައް އެކުއެކީގައިވެސް ދެވިދާނެ އެވެ.
މިފަދަ ހަރުކަށި ގަރާރެއްގައި ސޮއިކުރުވަމުންދާއިރު މީގެ ކުރިން އެމްއެމްއޭގެ ބައެއް މައުލޫމާތު ލީކުވެގެން ފުލުހުން ގެންގޮސް ތަހުގީގުތައް ހިންގާފައިވެ އެވެ. އަދި އެމްއެމްއޭއިން މައުލޫމާތު ބޭރުވާ މައްސަލައިގައި ކުރީގެ ގަވަރުނަރު އަހުމަދު މުނައްވަރު ނުރުހުންވެ އެތެރޭގެ ތަހުގީގުތައް ވެސް ހިންގާފައިވެ އެވެ.