އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ކުޅުދުއްފުށީ މަށިމާލި ޕެރޭޑްގައި ތަފާތު މާލިތަކެއް ދައްކާލައިފި އެވެ.

ކޮންމެ އަހަރެއްގެ އީދުގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ ކުޅުދުއްފުށީ މާލި ޕެރޭޑަކީ ވަރަށް ހުނަރުވެރި މަސައްކަތެކެވެ. ގިނަ މެސެޖްތަކެއް ފޯރުކޮށްދޭ އެއްޗެކެވެ. ގައުމުގައި އެ ދުވަސްވަރު ހިނގާ އެންމެ ގިނަ ބަޔަކު އެ ވާހަކަތައް ދައްކާ ކަންކަން ވަރަށް "ސަޅިކޮށް" ގެނެސްދޭ ޕެރޭޑެކެވެ. ސަރުކާރަށް ދޭން ބޭނުންވާ މެސެޖުތަކާއި ރައްޔިތުން ނުރުހޭ ކަންކަން ވެސް މި ޕެރޭޑް ބަލާލުމުން އެނގެ އެވެ.

މަށިމާލި ޕެރޭޑް މިއަދު ބާއްވާފައިވާއިރު، މިފަހަރުވެސް ގައުމުގެ އެކި މައްސަލަތަކާއި ސިޔާސީ ކަންކަމާއި ގުޅޭ ތަފާތު މާލިތައް ފެނިގެން ގޮސްފައި ވެއެވެ.

އެގޮތުން މިފަހަރުގެ ޕެރޭޑްގައި ފާހަގަކޮށްލެވުނު މަޖާ އެތައް މާލިތަކެއް ފެނިގެން ދިޔަ އެވެ.

އެގޮތުން ބައެއް މާލިތައް ހާއްސަކޮށްފައިވަނީ ސަރުކާރާ ގުޅޭ ބައެއް ކަންކަމަށެވެ. ސަރުކާރުން އެކި ނިންމުންތައް އެކި ފަހަރުމަތިން ބަދަލުކޮށް "އުނބަށް" ޖަހާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އެކަން ރަމްޒުކޮށްދިނުމަށް މާލި ފެރޭޑުން ފެނިގެން ދިޔައީ "އުނބު ލުއިއްޒު" މާލި އެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ދުނިޔޭގެ ރިކޯޑް މުގުރާލި ކަމަށްބުނާ ދިގު ޕްރެސްކޮންފަރެންސް ދައްކާލުމަށް ހުށަހަޅާފައިވަނީ "ކަޅުދިގު ޕްރެސް" މާއްޔެވެ.

ކުޅުދުއްފުށި މާލި ޕެރޭޑް --- ފޮޓޯ: އައިވެލް ޕޯޓްރެއިޓް

ސަރުކާރުން ވަރަށް ބޮޑު މަޝްރޫއެއްގެ ގޮތުގައި ފެށައި މިހާރު އަޑެއް ބަޑެއް ނީވޭ ބަންކަރިން ޕްރޮޖެކްޓާ ގުޅޭގޮތުން "IMO:2025 ބަންކަރު" އުޅަނދުވެސް ވަނީ ދައްކާލާފަ އެވެ.

ސަރުކާރުން ފެށި ބަންކަރިންގެ ހިދުމަތާ ގުޅޭ ފުޅަނދު --- ފޮޓޯ: އައިވެލް ޕޯޓްރެއިޓް

އީދާ ދިމާކޮށް އޮންލައިންކޮށް ޓީމޫއިން އޯޑަރުޖެހި ތަކެތި ނުލިބި ލަސްވުމުން ޕޯސްޓް އޮފީހަށް ގިނަ ބަޔަކު މިފަހުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. މިފަހަރުގެ މާލި ޕެރޭޑްގައި "ޓީމޫ މާލި" އާއި "ކޮބާ މަގޭ އޯޑަރު" ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

ކުޅުދުއްފުށި މާލި ޕެރޭޑް، ޓީމޫ --- ފޮޓޯ: އައިވެލް ޕޯޓްރެއިޓް

މީގެ އިތުރުން ސިޔާސީ މައިދާން ހަލަބޮލި ކޮށްލި "ވޭޕް ދަރި" ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

ކުޅުދުއްފުށި މާލި ޕެރޭޑް، ވޭޕް ދަރި --- ފޮޓޯ: އައިވެލް ޕޯޓްރެއިޓް

ގިނަ ބަޔަކު ސުވާލު އުފައްދަމުން ދަނިކޮށް ސަރުކާރަށް ރާއްޖެ ގެނެވުނު "ޕްރިންސް ފްރޮމް ޓީމޫ" މާލިވެސް ޕެރޭޑް ތެރެއިން ފެނިގެން ދިޔަ އެވެ.

ކުޅުދުއްފުށި މާލި ޕެރޭޑްގައި ޕްރިންސް ފްރޮމް ޓީމޫ --- ފޮޓޯ: އައިވެލް ޕޯޓްރެއިޓް

ސަގާފީ އެކި ތަފާތު މާލިތައް ވެސް ހިމެނޭގޮތަށް ހުށަހަޅައިދިން ކުޅުދުއްފުށީގެ މަށިމާލި ޕެރޭޑަށް މި އަހަރުވެސް ގިނަ ބައެއް ތައުރީފު ދަނީ އޮހެމުންނެވެ. އެ ރަށަކީ ތަފާތު ހުނަރުވެރި ކެރޭ ބަޔަކު އުޅޭ ރަށެއްކަން އަނެއްކާވެސް މުޅި ގައުމަށް ވަނީ ދައްކާލާފަ އެވެ.