ލޯނެއް ދީގެން ވިޔަސް އއ. މަތިވެރީގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅައިދޭނެ ބަޔަކު ވޭތޯ ސަރުކާރުން އިއުލާނުކޮށްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މަތިވެރީގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކުރުމަށް ނުވަތަ ތަރައްގީ ކުރުމަށް ފައިނޭންސްކުރުމަށް، މާލީ އަދި ފަންނީ ގާބިލުކަން ސާބިތުކޮށްދެވޭ ޝަރުތުހަމަވާ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
މި މަސައްކަތަށް، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއޯއައި) ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި މިއީ 1 އޭޕްރިލް ގައި ނެރެފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގެ ދަށުން ފާސްކޮށްފައިވާ، މަތިވެރީގައި ޑޮމެސްޓިކް އެއަރޕޯޓެއް އިމާރާތްކުރުމަށް އަމާޒުކޮށްފައިވާ މުހިންމު ގައުމީ މަޝްރޫއެއް ކަމަށާއި މި މަޝްރޫއު ތަންފީޒުކުރެވޭނީ ކްރޮސް-ސަބްސިޑައިޒޭޝަން މޮޑެލެއްގެ ދަށުންކަމަށެވެ.
މި މޮޑެލްގެ ދަށުން، ހޮވޭ އިންވެސްޓަރަށް އެ ވަސީލަތުގެ ރައުސުލްމާލު އަދި ހިންގުމުގެ ހަރަދުތައް އަނބުރާ ހޯދުމަށް ވިޔަފާރީގެ ގޮތުން ފައިދާ ލިބޭނެ ބައިތަކެއް ހުށަހެޅިދާނެ ކަމަށާއި ނުވަތަ ކޮންޓްރެކްޓާ ފައިނޭންސިން، ޕީޕީޕީ މޮޑެލް ނުވަތަ ލޯނު ފައިނޭންސިން މެދުވެރިކޮށް ވެސް ކުރިއަށް ގެންދެވިދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
މިމަސައްކަތާއި ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) މި މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކޮށްފައި ވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އެހެންކަމުން ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޖޫން 15 ވަނަ ދުވަހު މެންދުރުފަހު 1 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވުމަށް އެދިފަ އެވެ.