ސައްހަ ނޫން ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން އެކި ކުންފުނިތަކުގެ އަތުން އޮޅުވާލައިގެން ގިނަ އަދަދެއްގެ މުދާ ހޯދި މައްސަލާގައި 109 އަހަރަށް ޖަލަށްލާފައި ހުސައިން ޝިފާއުގެ ޖަލު ހުކުމަށް މިވަގުތު އެއްވެސް ލުޔެއް ނުދެވޭނެ ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.

ސައްހަ ނޫން ޓީޓީތަކެއް ފޮނުވައިގެން 123،000 ޑޮލަރު (1.9 މިލިއަން ރުފިޔާ) ގެ މުދާ ހޯދި މައްސަލާގައި ޝިފާއުގެ މައްޗަށް ކުރި 23 ދައުވާއެއް ސާބިތުވެ, 109 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ހަތް މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ދައުލަތަށް ދައްކަން ކުރިން އޮތީ ހުކުމްކޮށްފަ އެވެ.

އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށްފަހު އިސްތިއުނާފް ނިމެންދެން ޖަލު ހުކުމް ފަސްކުރަން ނުވަތަ ކަފާލާތުގެ ދަށުން ގޭ ބަންދަށް ބަދަލުކުރަން އަމުރެއް ނެރެދިނުމަށް ޝިފާއުގެ ފަރާތުން އެދުމުން ހައި ކޯޓުން މިއަދު ނިންމީ އެފަދަ އެއްވެސް އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ހައި ކޯޓުގެ ނިންމުމުގައިވަނީ އެފަދަ ލުޔެއް ދެވޭނެ ގާނޫނީ ސަބަބެއް ޝިފާއުގެ ފަރާތުން ބުނެނުދެވޭ ކަމަށެވެ.

ޝިފާއުގެ އެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް މި ސަރުކާރުން ޝިފާއުއަށް ސިޔާސީ މަގާމެއް ވެސް ދިނެވެ. ނަމަވެސް އާންމުންގެ ފާޑުކިޔުންތައް އަމާޒުވާން ފެށުމުން އޭނާ އެ މަގާމުން ފަހުން ވަކިކުރި އެވެ.