ޑިޒްނީގެ މަޝްހޫރު އެނިމޭޓެޑް ފިލްމު "މޯނާ" ގެ ލައިވް-އެކްޝަން ރީމޭކަށް ބެލުންތެރިންނާއި ފިލްމީ ފާޑުކިޔުންތެރިންގެ ފަރާތުން ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެ، ބޮކްސް އޮފީހުގައި އުންމީދުކުރި ވަރުގެ ތަރުހީބެއް ނުލިބުނު ނަމަވެސް، އެ ފިލްމުގެ ދިފާއުގައި ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޑްވޭން ޖޯންސަން (ދަ ރޮކް) ވާހަކަ ދައްކައިފި އެވެ.
ފިލްމުގައި "މާވީ އޭ ކިޔާ ސެމީ-ގޯޑް ކެރެކްޓާގެ ރޯލު ކުޅެފައިވާ ދަ ރޮކް "ޕީޕަލް" މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ބުނީ، ފިލްމު ނުކުތްއިރު ފުރަތަމަ ލިބުނު ދެ ރިވިއުއަކީ ވަރަށް އުއްމީދީ އަދި ރަނގަޅު ރިވިއުތަކެއް ކަމަށެވެ.
ނަމަވެސް ފަހުން ކަންތައްތައް ބަދަލުވެގެން ދިޔައީ އެހެން މިސްރާބަކަށް ކަމަށާއި، މިއީ ފިލްމީ ދާއިރާގައި ކަންކަން ހިނގާ އާންމު އުސޫލު ކަމަށް އޭނާ ފާހަގަކުރި އެވެ.
"އަހަރެމެންގެ އަމާޒަކީ ހަމައެކަނި ފިލްމު އެޅުވި ފުރަތަމަ ހަފުތާ ބަންދުގެ ނަތީޖާއަށް އެކަނި ބެލުމެއް ނޫން. ފިލްމު ކަމުދިޔަ ނަމަ ވަރަށް ރަނގަޅު. ކަމުނުދިޔަސް އެއީ މައްސަލައެއް ނޫން،" އޭނާ ބުންޏެވެ.
2016 ވަނަ އަހަރު ނުކުތް "މޯނާ" އެނިމޭޓެޑް ފިލްމަކީ ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމެކެވެ. ނަމަވެސް، ކެތުރިން ލަގާއިއްޔާ މޯނާގެ ރޯލުން ފެނިގެންދާ މި އާ ލައިވް-އެކްޝަން ފިލްމަށް "ރޮޓެން ޓޮމާޓޯސް"ގައި ލިބިފައިވަނީ އެންމެ 31 ޕަސެންޓްގެ ރޭޓިން އެކެވެ.
މި ފިލްމަށް ބޮކްސް އޮފީހުގައި މުޅި ދުނިޔެއިން ލިބިފައިވަނީ 266 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ 2016 ގެ އެނިމޭޓެޑް ފިލްމަށް ލިބުނު 687 މިލިއަން ޑޮލަރާ އަޅާބަލާއިރު ވަރަށް ދަށް އަދަދެކެވެ.
ޑިޒްނީގެ ސީއީއޯ ޖޯޝް ދިއަމާރޯ ވެސް ވަނީ "މޯނާ" ލައިވް-އެކްޝަން ފިލްމަށް ބޮކްސް އޮފީހުގައި ލިބުނު އާމްދަނީއަކީ ކުންފުނިން އުންމީދުކުރި ވަރަށް ވުރެ ދަށް އަދަދެއްކަން ގަބޫލު ކޮށްފަ އެވެ.
ނަމަވެސް، އެ ފިލްމަކީ ޑިޒްނީގެ އެހެނިހެން ވިޔަފާރިތަކަށާއި ބްރޭންޑަށް ކުރިއެރުން ލިބިގެންދާނެ އުފެއްދުމެއް ކަމަށް އޭނާ ބުނެފައިވެ އެވެ.
ފިލްމެއް ޕްރޮމޯޓް ކުރަން ހޮލީވުޑް ބިލްބޯޑުގައި މީހަކު ދިރިއުޅެނީ!
ޔަމަނުގެ ހޫތީން ސައުދީގެ ތެޔޮ ރިފައިނަރީއަކަށް ހަމަލާދީފި