ސިނަމާލެ ބްރިޖު ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވެ މަޝްހޫރު ފިޓްނަސް އިންފްލުއެންސާ އައިޝަތު ޝަޒީއަށް އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

މި އެކްސިޑެންޓު ހިނގާފައިވާކަމުގެ ރިޕޯޓު ފުލުހުންނަށް، ހޮނިހިރު ދުވަހުގެ 7:08 ގައި ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ، ދެ ސައިކަލު ޖެހި މި އެކްސިޑެންޓު ހިނގީ ބްރިޖުން ހުޅުމާލެއަށްދާ ލޭންގައި، ކަމަށެވެ. މި އެކްސިޑެންޓުގައި 3 މީހަކަށް އަނިޔާވި ކަމަށާއި އޭގެ ތެރޭގައި ދިވެހި ދެ އަންހެނަކާއި ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މި އެކްސިޑެންޓުގައި ހާލު ސީރިއަސްވެފައިވާ އިންފްލުއެންސާ އައިޝަތު ޝަޒީއަށް މިވަގުތު އައިސީޔޫގައި ފަރުވާދެމުން ގެންދާ ކަމަށާއި ހާލު ސީރިއަސް ނޫން ދެ މީހުންނަށް ފަރުވާދިނުމަށްފަހު ދޫކޮށްލެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެކްސިޑެންޓްވި ދެ ސައިކަލުގެ ތެރެއިން ޝަޒީ އިނީ ކަވަސާކީ މަރުކާގެ ރޭސް ސައިކަލުގެ ފަހަތުގަ އެވެ.

ފުލުހުން އިތުރަށް ބުނިގޮތުގައި އެ މައްސަލައާ ގުޅިގެން އެކްސިޑެންޓުވި ދެ ސައިކަލު ވަނީ ޓޯކޮށްފަ އެވެ. އަދި މި މައްސަލަ އިތުރަށް ބަލަމުންގެންދާކަމަށް ފުލުހުން ބުނެފައިވެ އެވެ.