ބައިނަލްއަގްވާމީ މަޝްހޫރު އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އޭނާގެ ހޮލީވުޑް ކެރިއަރު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން، އޮސްކާ އެވޯޑު ހޯދާފައިވާ މަޝްހޫރު އެކްޓަރު ރަސެލް ކްރޯއާއެކު އާ ސައިންސް ފިކްޝަން އެކްޝަން ތުރިލާ ފިލްމު "ބްލޫފްލައި" އިން ފެނިގެންދާނެކަން އިއުލާނު ކޮށްފި އެވެ.

މި ހަބަރު ސޯޝަލް މީޑިއާގައި އިއުލާނު ކުރުމާއެކު، ޕްރިޔަންކާގެ ފިރިމީހާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ވަނީ އޭނާއަށް ތަރުހީބުދީ، އުފާ ފާޅުކޮށްފަ އެވެ.

ނިމްރޯޑް އަންތާލް ޑައިރެކްޓްކުރާ މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ކޮންގޯގެ ޖަންގަލިތަކުގެ ތެރޭގައި ހިނގާ ނުރައްކާތެރި ހާދިސާތަކެއްގެ މައްޗަށެވެ.

ފިލްމުގައި ފެނިގެންދާނީ އަމިއްލަ ދިރިއުޅުމުގައި ބޮޑު ހިތާމައެއް ތަހައްމަލު ކުރަމުންދާ އދ.ގެ ތަރުޖަމާނަކު، ވެއްޓިފައިވާ ސިއްރު މަތިންދާބޯޓެއް ހޯދުމުގެ ނުރައްކާތެރި ބްލެކް-އޮޕްސް މިޝަނެއްގައި ބައިވެރިވާ ގޮތެވެ.

އެ މިޝަން ކުރިއަށްދާވަރަކަށް، އެ މީހުން ހޯދަން އުޅޭ ބޯޓާ ކައިރިވި ވަރަކަށް، އެ އެކްސިޑެންޓުގެ ފަހަތުގައިވާ ނުރައްކާތެރި ސިއްރުތައް ހާމަވެގެންދެ އެވެ.

މި ފިލްމުގެ އިއުލާނާއެކު އާންމުންނާއި ސަޕޯޓަރުންގެ ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ނިކް ޖޯނަސް ވަނީ ޕްރިޔަންކާގެ އިންސްޓަގްރާމް ޕޯސްޓަށް ކޮމެންޓްކޮށް އޭނާއަށް ސަޕޯޓްދީފަ އެވެ.

ގްލޭޑިއޭޓަރ ފިލްމުން އޮސްކާ އެވޯޑު ހޯދި ރަސެލް ކްރޯއާއެކު ޕްރިޔަންކާ ފެނިގެން ދިއުމަކީ އޭނާގެ ހޮލީވުޑް ކެރިއަރަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފޭނުން ފާހަގަކުރެ އެވެ.

މި ފިލްމުގެ އިތުރުންވެސް ޕްރިޔަންކާގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް އެބަހުއްޓެވެ. އެގޮތުން އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު އެސްއެސް ރާޖާމޯލީގެ ކުރިއަށް އޮތް ފިލްމު "ވާރާނަސީ" އިންވެސް ޕްރިޔަންކާ ފެނިގެންދާނެ އެވެ. "ބްލޫފްލައި" ގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު އޮސްޓްރޭލިއާގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.