"ދިވެހީންގެ ރާއްޖެ" ސްކޭމުން ދޮގު ފަތި އަމުނަމުންދިއުން މިހާރުން މިހާރަށް ހުއްޓާލަން ގޮވާލައި އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސަރުކާރުގެ ސިޔާސަތުތަކާ މެދު ހަރުކަށި ފާޑުކިޔުންތަކެއް ކިޔައިފި އެވެ.
އެކްސްގައި މިއަދު ޝާހިދު ދެއްކި ވާހަކައިގައި، "ދިވެހީންގެ ރާއްޖެ"ގެ ނަމުގައި ދޮގު ފަތި އަމުނަމުންދާ ކަމަށް ތުހުމަތު ކުރައްވާފައިވެ އެވެ.
ޝާހިދު މިހެން ވިދާޅުވީ، ދައުލަތުގެ ގިނަ ވުޒާރާތަކާއި މުއައްސަސާތައް ބައިވެރިވެގެން ހިންގާ ގޮތަށް، މޯލްޑިވްސް 2.0 ތަސައްވުރަށް ވާސިލުކުރުވަން ސަމިޓެއް ރޭ ފެށުމާއެކު އެވެ.
މިކަމާ ގުޅުވައިގެން އޭނާ ވިދާޅުވީ، ރައީސް މުހައްމަދު މުޢިއްޒުގެ ވެރިކަމަށް ދެ އަހަރު ވާން ކައިރިވާއިރު، ތަރައްގީގެ މާރެހެއް ނުފެންނަ ކަމަށާއި، ވިޔަފާރިތައް ފުނޑި، ދަރަނި ބޮޑުވެ، މުޅި ޤައުމު ވަނީ ވާނުވާގައި ކަމަށެވެ. އޭނާ ވަނީ މި ހާލަތުގައި ސަރުކާރުން ދޮގު ވައުދުތައް ދެމުންދާ ކަމަށް ބުނެ، އެކަން ހުއްޓާލުމަށް ގޮވާލާފަ އެވެ.
ބޭސް ގުޅައެއް ހޯދުމާއި، ރަށު ތަރައްޤީ އަދި އަދުލު އިންސާފާއި ސުޕްރީމް ކޯޓުގެ ކަންކަން ވާނުވާގައި އޮތް ރާއްޖެއެއް ދިވެހި ރައްޔިތުން ބޭނުން ނުވާކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި އިންތިޚާބުތަކަށް ނުފޫޒު ފޯރުވައި، ރައްޔިތުންގެ މުދަލަށް އަރައިގަތުމުގެ ފުރުސަތު ރައްޔިތުން ނުދޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.