މިދިޔަ މަހުގެ 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު 21، ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު މައްސަލަ ތަހުގީގުކުރުމަށް ރައީސް މުހައްމަދު މުއިއްޒު އެކުލަވާލި ރިޔާސީ ކޮމިޝަނުން މި މައްސަލަ އާއި ގުޅޭ މައުލޫމާތު ހޯދަން ޕޯޓަލެއް ހުޅުވާލައިފި އެވެ.

މި ކޮމިޝަނުން މިހާރު އެކްސް އެކައުންޓެއް ވެސް ހުޅުވާފައިވާއިރު މި އެކައުންޓުގައި ކޮމިޝަނުން ކުރި ޕޯސްޓެއްގައި ބުނީ އެ ހާދިސާއާ ގުޅޭގޮތުން، އެއްވެސް މައުލޫމާތެއް، ފޮޓޯ ނުވަތަ ވީޑިއޯ އަދި އެނޫންވެސް އެއްވެސް ލިޔުމެއް އެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

މީގެ އިތުރުން ވެސް މި ޕޯޓަލް މެދުވެރިކޮށް އެ ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން ވެސް ސުވާލު ކުރެވޭނެ ކަމަށް ރިޔާސީ ކޮމިޝަނުން ބުނެ އެވެ.

އޭޕްރިލް މަހުގެ 27 ވަނަ ދުވަހު މި ކޮމިޝަނަށް އެންމެ ފުރަތަމަ އައްޔަނުކުރެއްވީ ޑރ. މުހައްމަދު މުނައްވަރާއި، ކުރީގެ ވައިސް ޗިފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދުގެ އިތުރުން މި މައްސަލާގައި ތުހުމަތު ކުރެވޭ ރައުދު ޒިލާލާ ތިމާގެކަމުގެ ގުޅުން އޮންނަ ޑރ. މުހައްމަދު ހަބީބެވެ. ފަހުން ޑރ. ހަބީބު ވަނީ ކޮމިޝަނުން އިސްތިއުފާ ދެއްވާފަ އެވެ.

މިއީ އަންހެން ކުއްޖެއްގެ މައްސަލަ ބަލާ ކޮމިޝަނަކަށް ވާއިރު ކޮމިޝަނުގައި އަންހެނެއް ނެތުމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވުމާއެކު ފަހުން ރައީސް މުއިއްޒު ވަނީ މި ކޮމިޝަނަށް އާމިނަތު އީނާސް އާއި ޖަބީން މުހައްމަދު އިތުރު ކުރައްވާފަ އެވެ.

މި ކޮމިޝަނަށް އިތުބާރު ނުކުރާ ކަމަށް ޔުމްނުގެ އާއިލާއިން ވެސް ބުނެފައިވާއިރު މި މައްސަލާގައި ކަމާ ބެހޭ އިދާރާތަކުން އަމަލު ކުރަމުންދާ ގޮތުގެ ސަބަބުން ޒުވާނުން އަންނަނީ އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ސިލްސިލާ މުޒާހަރާތަކެއް ވެސް ކުރަމުންނެވެ.

މި މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރެއިން ދެ މީހަކު ހައްޔަރުކުރި އިރު ފަހުން އެ ދެ ޒުވާނުން ވަނީ ދޫކޮށްލާފަ އެވެ.