މާދަމާ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް އިންތިޒާމުކޮށްފައި އޮތް "ބިޔޯން އަގެއިން"ގެ ޝޯ ކެންސަލް ކުރުމުން، އެ ޝޯ އިންތިޒާމްކުރި އޫބާ އިވެންޓްސްއަށް މާލީ ގޮތުންނާއި އިދާރީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އޫބާ އިވެންޓްސްއިން ނެރުނު ބަޔާނެއްގައި ބުނީ، ސްޓޭޖް ހެދުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް ދަނިކޮށް ޔޫތު މިނިސްޓްރީން ކުއްލި ގޮތަކަށް ސޯޝަލް ސެންޓަރުގެ ހުއްދަ ބާތިލުކުރުމަކީ ނުހަނު ހިތާމަކުރާ ކަމެއް ކަމަށެވެ.

އަދި އެ ނިންމުން އައީ "ބިޔޯން އެގެއިން" ބޭންޑުގެ މެންބަރުން ރާއްޖެއަށް އައުމަށް ދަތުރު ފެށި ފަހުން ކަމަށް ވާތީ، ކުންފުންޏަށް ލިބުނު ބޮޑު މާލީ ގެއްލުމުގެ އިތުރުން ޝޯގައި ބައިވެރިވާ ދިވެހި ފަންނާނުންނަށާއި، ސްޕޮންސަރުންގެ އިތުރުން ޓިކެޓް ގަނެގެން ތިބި ސަޕޯޓަރުންނަށް ބޮޑު މާޔޫސްކަމެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރެ އެވެ. އަދި ގެންނަ ކޮންމެ ފަންނާނަކީ ގައުމީ ގަވާއިދުތަކަށް ތަބާވާ ބައެއްކަން ކަށަވަރުކުރާ ކަމަށް ބުނަމުން، ޓިކެޓް ގަނެފައިވާ ފަރާތްތަކުގެ ކިބައިން މައާފަށް އެދި މި ހަފުތާއިން ފެށިގެން ފައިސާ އަނބުރާ ދައްކާނެ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ.

https://web.facebook.com/photo.php?fbid=1650895460378380&set=a.492480242886580&type=3&ref=embed_post

ނަމަވެސް، ސްޕޯޓްސް މިނިސްޓްރީން ވަނީ ސަރުކާރުން ޝޯ ކެންސަލްކުރި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލާއި ފުރާޅުގެ މަރާމާތެއް ވަގުތުން ކުރަން ޖެހުމުގެ ސަބަބުން އެދެވުނީ ޝޯ އެހެން ތަނަކަށް ބަދަލުކުރުމަށެވެ. އަދި އެހެން ވެނިއުއަކަށް ޝޯ ބަދަލުކުރުމުގައި އެހީތެރި ވެދޭނެ ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތަށް ދީފައި ވާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.