ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 30،000 ޑޮލަރު ހަލާކުވި މައްސަލައިގައި އިހުމާލުވި ފުލުހަކު ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމައިފި އެވެ.
މި ފައިސާތަކަކީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ފުލުހުން ހުށަހެޅި މައްސަލައަކާ ގުޅިގެން ހިފެހެއްޓި ފައިސާތަކެކެވެ. މި މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އޭރު ފުލުހުން ބުނެފައިވަނީ އެ ފައިސާގެ ހިސާބުތަކުގައި ހުރި ފަރަގަކާ ގުޅިގެން ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ތަހުގީގެއް ކުރަމުންދާ ކަމަށެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި މި ފައިސާތައް ހުރީ ފުލުހުންގެ ފައިނޭންސް ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުގަ އެވެ. ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން މި މައްސަލަ ތަހުގީގުކުރީ އެ ފައިސާތަކާ ހަވާލުވެ ހުންނެވި މުވައްޒަފުގެ އިހުމާލުން އެ ފައިސާތައް ހަލާކުވުމާ ގުޅިގެންނެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، އެ މުވައްޒަފުގެ މައްޗަށް ފިޔަވަޅު އެޅުމަށް ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން، އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް ބޯޑުން ލަފާދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ މިހާރު އޮތީ އިސްތިއުނާފް މަރުހަލާގަ އެވެ. އެ މަރުހަލާ ނިމެންދެން، މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އެ ފުލުސް މީހާ ވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފަ އެވެ.
އެ ފައިސާތައް ހަލާކުވުމަށް މެދުވެރިވި ސަބަބުތަކާއި އެ މުވައްޒަފުގެ ފަރާތުން ހިނގި އިހުމާލުގެ ތަފްސީލުތައް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ސޯޝަލް މީޑިއާއިން "ކާލާ ހިރަން"ގެ ޓީޒާ ނަގަން ކޯޓުގެ އަމުރެއް!
