ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ) ގެ ތިލަފުށީ ސައިޓުގައި ރޯވެ އަނދައިގެންދިޔަ ކުނިތައް ހދ. ކުނބުރުދުއަށް ގެންދާތީ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

އެމްޑީޕީގެ ފަރާތުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ހުށަހެޅުއްވި މި މައްސަލައަށް ބަހުސްކުރަން ފެންނަކަމަށް ވޯޓު ދެއްވީ އެންމެ ހަތް މެންބަރުންނެވެ. މައްސަލަ ބޭރުކޮށްލީ 27 މެންބަރުންގެ ވޯޓުންނެވެ.

މި މަހުގެ 19 ގައި ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސައިޓަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އެހެންވެ، އަނދާފައިވާ ކުނިތައް ކުނބުރުދޫގައި ހުންނަ ފެސިލިޓީއަށް ބަދަލުކުރަން ވެމްކޯއިން ވަނީ ނިންމާފަ އެވެ.

ނަމަވެސް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ފިއްޓޭ ފާހަގަކުރެއްވީ ކުނބުރުދޫ ފެސިލިޓީގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށެވެ. އެއީ ހަމައެކަނި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއްގެ ގޮތުގައި ބޭނުން ކުރަން ހަދާފައިވާ ތަނެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ތިލަފުށީގެ ކުނިތައް އެ ރަށަށް އުކާލުމަކީ ރަށުގެ ގުދުރަތީ މާހައުލަށާއި ދަނޑުވެރިކަމަށް އިއާދަނުކުރެވޭނެ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެކެވެ. މިއީ އާންމުންގެ ސިއްހަތަށް ވެސް އޮތް ބޮޑު ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ނިންމުމާ ދެކޮޅަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވެސް ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ. އެއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް މޭޔަރު ވަނީ ވިދާޅުވެފަ އެވެ.