ވިއްސާރަ ދުވަސްވަރާއި ނުވަތަ ވައިގެ ތެތްކަން ބޮޑު މޫސުމުގައި އާއްމުކޮށް މީހުން ކަންބޮޑުވަނީ ހަންގަނޑު ތެޔޮވުމާއި، ދާހިއްލުމާއި އަދި ބިހިނެގުން ފަދަ ކަންކަމާ އެވެ.
މިފަދަ މޫސުމެއްގައި ހަންގަނޑު ހިކުމަކީ ނުވާނެ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް، މުޅި ދުވަހު އޭސީގައި މަސައްކަތްކުރާ މީހުންގެ ހަންގަނޑު ހިކި، ކުރަކިވާކަން ފާހަގަ ކުރެވެ އެވެ.
ހަމުގެ ހާއްސަ ޑޮކްޓަރު އަދި 'ކަނާޔާ'ގެ ފައުންޑަރު ކަނިކާ ޕޮޕްލީ ވިދާޅުވާ ގޮތުގައި، ހަންގަނޑުގެ ސިއްހަތަށް އަސަރު ކުރަނީ ބޭރުގެ މޫސުމުގެ އިތުރުން އަހަރެމެން ދުވަހުގެ ގިނަ ވަގުތު ހޭދަކުރާ މާހައުލުންނެވެ.
އޭސީއަކީ ކޮޓަރިއާއި އޮފީސް ފަދަ ތަންތަނުގެ ފިނިހޫނުމިން ދަށްކޮށް، ވައިގެ ތެރޭގައި ހުންނަ ތެތްކަން ދަމައިގަންނަ އެއްޗެކެވެ. ވައިގެ ތެރޭގައި ތެތްކަން ކުޑަވުމުން، ހަންގަނޑުގައި ހުންނަ ފެނުގެ މިންވަރު އަވަހަށް އާތްވަށް އަރައިގެން ދެ އެވެ.
މީގެ ސަބަބުން ހަންގަނޑުގެ އެންމެ ބޭރު ފަށަލަ ބަލިކަށިވެ، ހަންގަނޑު ހިކި، ކުރަކިވެ، އަދި ފިންޏާއި ހޫނަށް "ސެންސިޓިވް"ވެ އެވެ.
ގިނަ މީހުންނަށް ހީވެފައި އޮންނަނީ ތެޔޮ ހަންގަނޑެއް ހުންނަ މީހުންގެ ހަންގަނޑު ނުހިކޭނެ ކަމަށެވެ. ނަމަވެސް، ޑޮކްޓަރު ކަނިކާ ފާހަގަ ކުރެއްވި ގޮތުގައި ހަންގަނޑުން ތެޔޮ އުފެއްދުމާއި، ހަންގަނޑުގައި ފެން ހުރުމަކީ މުޅިން ތަފާތު ދެކަމެކެވެ.
- ތެޔޮ ހަންގަނޑު: މިއީ ހަންގަނޑުން މޫނުމަތީގައި ސީބަމް (ތެޔޮ) އުފައްދާ މިންވަރު އިތުރު ވުމެވެ.
- ޑީހައިޑްރޭޓްވެފައިވާ ހަންގަނޑު: މިއީ ހަންގަނޑުގެ އެތެރޭގެ ސެލްތަކުގައި ފެނުގެ މިންވަރު މަދު ވުމެވެ.
ވިއްސާރަ ދުވަސްވަރު މޫނު ތެޔޮވާހެން ހީވާތީ ގިނަ މީހުން މޮއިސްޗަރައިޒާ ބޭނުން ކުރުން ހުއްޓާލަ އެވެ. ނުވަތަ ތަކުރާރުކޮށް މޫނު ދޮވެ އެވެ. މީގެ ސަބަބުން ހަންގަނޑުގައި ހުންނަ ގުދުރަތީ ތެޔޮ ފަށަލަ ނެތިގޮސް، ހަންގަނޑު އިތުރަށް ހިކޭގޮތްވެ އެވެ.
ވިއްސާރަ ނުވަތަ ބަނަ ދުވަސްތަކުގައި ވިލާތަކުގެ ތެރެއިންވެސް އިރުގެ އުލްޓްރާވައިލެޓް ދޯދިތައް ހަންގަނޑަށް ފޯރާނެ އެވެ. އެހެންކަމުން މޫސުމަށް ބެލުމެއްނެތި ގަވާއިދުން ސަން ސްކްރީން ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ.
ހަންގަނޑު ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންތައް
- އާދައިގެ ސިމްޕަލް ރޫޓީންއެއް ގެންގުޅުން: ހަންގަނޑަށް ގިނަ އުފެއްދުންތައް ބޭނުން ކުރުމުގެ ބަދަލުގައި ކްލެންސާއަކާއި، ހަންގަނޑާ ގުޅޭ މޮއިސްޗަރައިޒާއެއް ބޭނުން ކުރާށެވެ.
- ފެން ގިނައިން ބުއިން: މުޅި ދުވަހު އޭސީގައި އުޅޭއިރު ކާތަކެއްޗާއި ފެނުގެ މިންވަރު ހިފެހެއްޓުން މުހިންމެވެ.
- އޭސީގެ ވައި ސީދާ މޫނަށް ނުބެހެއްޓުން: އޮފީހުގައި އިންނައިރު އޭސީގެ ވައި ސީދާ މޫނަށް އަރާ ހިސާބުގައި އިނުމުން ދުރު ވާށެވެ.
ޑޮކްޓަރު ފާހަގަ ކުރެއްވި ގޮތުގައި، ހަންގަނޑު ހިކި، ރަތްވެ، ނުވަތަ ކަހާ ގޮތްވާނަމަ އަދި އެކަންކަން ރަނގަޅު ނުވާނަމަ، ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުން މުހިއްމެވެ.
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މީޑިއާނެޓް ވީޑިއޯކްލަބް ހިލޭ
ސޫރީ ކްރޫޒްގެ ނަމުން ބައްޕަގެ ނަން އުނިކުރީ ކީއްވެ؟
އެމެރިކާގެ ޖާސޫސީ މަރުކަޒް އަލް ދަފްރާއަށް އީރާނުން ހަމަލާދީފި