ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ޑރ.އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރުމާ ގުޅޭގޮތުން އިއްޔެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޮމިޓީން ނެގި ވޯޓުގައި ދެ ފަނޑިޔާރުން ވަކިކުރަން ނުފެންނަ ކަމަށް ދެ ފަނޑިޔާރަކު ވޯޓް ދެއްވައިފި އެވެ.

މިގޮތުން މަހާޒާއި އަޒްމިރަލްދާ ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ދަށު ކޯޓުތައް ތަމްސީލްކުރައްވާ މެންބަރު އަދި ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދެވެ.

މި ދެބޭފުޅުންގެ އިތުރުން ކޮމިޓީގައި ތިއްބަވާ ހުރިހާ މެންބަރުންވެސް ވަނީ އަޒްމިރާލްދާ އާއި މަހާޒް ވަކިކުރަން ފެންނަ ކަމަށް ވޯޓް ދެއްވާފަ އެވެ. އެ މެންބަރުންނަކީ:

  1. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
  2. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު
  3. ގާނޫނީ ވަކީލުން ތަމްސީލްކުރައްވާ މެންބަރު އަލީ އަބްދުއްލަތީފް
  4. ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރެއްވި މެންބަރު ޔަޒްމީދު މުހައްމަދު
  5. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހު

މީގެ އިތުރުން ޖޭއެސްސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވުމުން ވޯޓުގައި ބައިވެރިވެވަޑައިގެންފައި ނުވާއިރު ބަންޑާރަ ނައިބު އަހުމަދު އުޝާމް އެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ. އަދި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކޮމިޝަނަށް ކަނޑައެޅުއްވި މެންބަރު ޑރ. އާމިނަތު އުލްމުކުލްސޫމް ވަނީ ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ ކަމަށް ކަނޑައަޅުއްވާފަ އެވެ.

އަޒްމިރާލްދާ އާއި މަހާޒުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލަތަކެއް ކުއްލިއަކަށް ބަލަން ފެށީ މަޖިލިސް މެންބަރަކު ގޮނޑި ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެހެން ގާނޫނަށް އިސްލާހު ގެނައި މައްސަލަ އެ ކޯޓުން ބަލައިގެންފައިވަނިކޮށެވެ.

މައްސަލަތައް ބަލަން ފަށާފައިވަނިކޮށް ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވާފަ އެވެ.

އަޒްމިރާލްދާގެ ފިރިކަލުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުގައި އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތު އަޒްމިރާލްދާ އާއި މަހާޒަށް ކޮށްފައިވާއިރު އެ ދެ ފަނޑިޔާރުންގެ ވަކީލުން ވިދާޅުވި ގޮތުގައި މައްސަލަ ބަލަން ފެށިއިރު ކުރި ތުހުމަތާއި، ޖޭއެސްސީގެ ކޮމިޓީން މައްސަލަ ބަލައި ނިމުނުއިރު އޮތް ތުހުމަތު ވަނީ ބަދަލުވެފަ އެވެ.

އޭގެ ފަހުން އިއްޔެ މަހާޒް އާއި އަޒްމިރާލްދާ ވަކިކުރުމަށް ޖޭއެސްސީ ގެ ކޮމިޓީން ނިންމާ މަޖިލީހަށް ފޮނުވުމާ އެކު މިއަދު މަޖިލީހުން ވަނީ އެ މައްސަލަ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވާފަ އެވެ.

މި ކޮމިޓީގެ ބައްދަލުވުމެއް މިއަދު ހެނދުނު 11:00 އަށް ތާވަލުކުރެވިފައިވާއިރު މައްސަލައާ މެދު ގޮތެއް ނިންމާނީ ކޮމިޓީން ދިރާސާ ކުރުމަށްފަހު މަޖިލީހުގެ މެންބަރުންގެ ވޯޓަކުންނެވެ.

އަޒްމިރާލްދާ ވަނީ މި މައްސަލާގައި މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން ޖުޑިޝަރީ ކޮމިޓީގައި ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ވެސް ފޮނުއްވާފަ އެވެ.