ރަމަޟާން މަހަކީ ކޮންމެ މުސްލިމަކަށް ވެސް ވަރަށް ހާއްސަ މައްސަރެކެވެ. އަޅުކަމާއި ރޫހާނިއްޔަތު ދިރުވައިދޭ މައްސަރެކެވެ. އެ މައްސަރަކަށްޓަކައި ކޮންމެ އަހަރަކު ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރެވޭ މައްސަރެކެވެ.

މީލާދީ ކަލަންޑަރާއި ހިޖުރީ ކަލަންޑަރުގައިވާ ތަފާތުގެ ސަބަބުން ރަމަޟާން މަސް މީލާދީ ގޮތުން އަހަރުމެންނާ ބައްދަލުކުރާ ދުވަސްވަރު ކޮންމެ އަހަރަކު ވެސް ތަފާތުވެ އެވެ.

އެގޮތުން މީލާދީ ގޮތުން 2030 ވަަނަ އަހަރު މުސްލިމުންނާ ދެ ރަމަޟާން މަސް ބައްދަލު ކުރާނެ ކަމަށް ފަލަކީ އިލްމުވެރިން ވަނީ ލަފާ ކޮށްފަ އެވެ. ސަބަބަކަށް ވަނީ ހިޖުރީ އަހަރު މީލާދީ އަހަރަށްވުރެ 11 ދުވަސް ކުރު ވުމެވެ.

ފަލަކީ އިލްމުވެރިން ބުނާ ގޮތުގައި 2030 ވަނަ އަހަރުގެ ޖެނުއަރީ މަހަކީ ހިޖުރީ ގޮތުން 1451 ވަނަ އަހަރުގެ ރަމަޟާން މަހެވެ. ހަމަ އެ އަހަރުގެ ޑިސެމްބަރު މަހު ހިޖުރީ ގޮތުން 1452 ވަނަ އަހަރުގެ ރަމަޟާން މަސް ވެސް ބައްދަލު ކުރާނެ އެވެ.

އެހެން ނަމަވެސް 2030 ވަނަ އަހަރުގެ ޑިސެމްބަރު މަހު މުސްލިމުން ހިފަން ޖެހޭނީ ގާތްގަނޑަކަށް ފަސް ރޯދަ އެވެ. އެ ރަމަޟާން މަހުގެ ބާކީ ދުވަސްތަކަކީ 2031 ވަނަ އަހަރުގެ ދުވަސްތަކެވެ.

މިއީ ކޮންމެ 30 އަހަރަކުން ހިނގާ ކަމެއް ކަމުގައި ފަލަކީ އިލްމުވެރިން ބުނެ އެވެ. އެފަދަ ކަމެއް އެންމެ ފަހުން މެދުވެރިވެފައިވަނީ 1997 ވަނަ އަހަރު އެވެ.