އަންނަ މަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓް ބިލް ޑޮމެސްޓިކް ރޭޓުގައި ދައްކާގޮތަށް ލުއިދެއްވާފައިވާކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.

ރައީސް މުއިއްޒު މިކަން އިއުލާނު ކުރައްވާފައިވަނީ ރޭ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މާލެ ސިޓީ އާއި އެހެން ހުރިހާ ސިޓީތަކާއި ރަށްތައް ހިމެނޭހެން މި ބަދަލުގެންނެވީ ކައުންސިލުތަކަށް މިހާރު ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ މަދު ފައިސާކޮޅުން ކަރަންޓު ބިލަށް ކުރަންޖެހޭ ބޮޑު ހަރަދަށް ލުޔެއް ހޯދައިދެއްވުމުގެ ގޮތުންނާ އަދި ކައުންސިލުތަކަށް ކަންކަން ފަހިކޮށްދީގެން ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދިނުމަށް ކަމަށެވެ. އަދި ބަދަލާއެކު ފެނަކަ އާއި ސްޓެލްކޯއަށް މަދުވާ އާމްދަނީ އެހެން އުސޫލަކުން ހޯދޭނެ ގޮތެއް ފަހި ކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވި އެވެ.

ކުރިއަށްއޮތް އަހަރުތަކުގައި އިގުތިސާދު ވަރުދަގަވަމުންދާ ވަރަކުން މަގުބައްތިތައް ދިއްލުން، ޕާކްތައް އަދި އާންމު މައިދާންތަކުގެ ކަރަންޓަށް ނަގާ ރޭޓުވެސް "ގަވާމަންޓު ރޭޓް"ގެ ބަދަލުގައި ޑޮމެސްޓިކް ރޭޓަށް ބަދަލުކޮށްދެއްވާނެ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން ގެންގުޅޭ ސަރަހައްދީ ސިޔާސަތުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ. އެގޮތުން އުތުރުގެ ހަތަރު އަތޮޅު ތަރައްޤީގެ ޒޯނެއްގެ ގޮތުގައި ކުރިއަށް ގެންދާއިރު ކުޅުދުއްފުށި ސިޓީ ވާނީ އުތުރު ތަރައްޤީގެ މައި ހަބުގެ ގޮތުގައިކަން ރައީސް ފާހަގަކުރެއްވި އެވެ. ރައީސް ވަނީ ކުޅުދުއްފުށި ސިޓީގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި އެއާޕޯޓް ފެންވަރު މަތިކުރުމާއި، އެ ސިޓީގެ ޕޯޓް ފުޅާކޮށް ކެޕޭސިޓީ އިތުރުކުރުމާއި، ސިއްހީ ހިދުމަތް ތަރައްޤީކުރުންފަދަ، އެ ސިޓީގެ ތަރައްޤީއަށް ރޭވިފައިވާ އެކިއެކި މަޝްރޫއުތަކަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ.