ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން ޓަވަރުތައް ސަރަހައްދުން ކުނި ސާފުކުރުމަށް ފާއިތުވި ނުވަ މަސް ތެރޭ 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ފަހުކޮޅު އެފްޑީސީން ޓަވަރުތައް ހަވާލުކުރަން ފެށުމާއެކު، މީހުން ވަނީ ފުލެޓުތަކަށް ބަދަލުވާން ފަށާފަ އެވެ. ނަމަވެސް މީހުން ބަދަލުވުމާއެކު ޓަވަރުތައް ކައިރިއަށް ކުނި އެޅުމުގެ މައްސަލަ ވަރަށް ބޮޑުވި އެވެ. ބައެއް ޓަވަރުތައް ކައިރީ ބޮޑެތި ކުނި ގިނަވެ، ކުނިފުނިތައް އުފެދުމުން އާންމުންގެ ނުރުހުން އަމާޒުވި އެވެ.
މި މައްސަލައިގައި އެފްޑީސީން ކުނި ސާފުކުރުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކުރި އެވެ. އަދި ގަވާއިދާ ހިލާފަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ދިނެވެ. ބައެއް މީހުން ޖޫރިމަނާކުރި ނަމަވެސް، އާންމު ތަންތަނަށް ކުނި އެޅުން ހުއްޓޭ ގޮތެއް ނުވި އެވެ. އޭގެ ސަބަބުން ސޯޝަލް މީޑިއާގައި އެފްޑީސީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.
މިއަދު އެފްޑީސީން ވަނީ ނެގި ކުންޏާއި ހިނގި ހަރަދުގެ ތަފުސީލު އާންމުކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޫބަރުން މި އަހަރުގެ ޖޫންގެ ނިޔަލަށެވެ. އެ މުއްދަތުގައި އާންމު ސަރަހައްދުތަކުން ޖުމުލަ 5,040 ޓަނުގެ ކުނި ވަނީ ނައްތާލާފަ އެވެ.
މީގެ ތެރޭގައި އޮކްޓޫބަރުން މާރިޗުގެ ނިޔަލަށް ނެގި 3,178 ޓަނު ހިމެނެ އެވެ. އަދި މެއި މަހުން ޖޫން މަހަށް 1,862 ޓަނުގެ ކުނި ނައްތާލި އެވެ. އެފްޑީސީން ބުނި ގޮތުގައި އެއް ޓަނު ކުނީގައި ގާތްގަނޑަކަށް 133 ކޮތަޅު ހިމެނެ އެވެ.
ހަރަދަށް ބަލާއިރު، އޮކްޓޫބަރުން މާރިޗަށް 8.45 މިލިއަން ރުފިޔާ ހޭދަވި އެވެ. އޭޕްރީލް މަހު 75,100 ރުފިޔާ ހަރަދުވި އެވެ. މެއި މަހުން ޖޫން މަހަށް 4.95 މިލިއަން ރުފިޔާ ހޭދަވި އެވެ. އެހެންކަމުން ނުވަ މަސް ތެރޭ ޖުމްލަ 13.5 މިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.
މިހާ ބޮޑު ހޭދައެއް ކުރަންޖެހުނީ އުސޫލާ ހިލާފަށް އާންމު ތަންތަނަށް ކުނި އުކާލުމުންނެވެ. އޭގެ ސަބަބުން ދައުލަތާއި ކޯޕަރޭޝަނުން ސާފުކުރުމަށް ކުރަންޖެހޭ ހަރަދު ވަނީ އިތުރުވެފަ އެވެ.
އުމްރާއިން އައުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދިއްޖެ
މޫސުން ގޯސްވުމާއި އުދައެރުމުގެ ސަބަބުން އެކި ރަށްތަކަށް ގެއްލުން
ނިދާއިރު އަނގައިގައި ޓޭޕް އެޅުން: މިއީ ކޮން ކަހަލަ ޓްރެންޑްއެއް؟