ހުޅުމާލޭ ފަޅުތެރެއަށް ވަން ބާޖެއް ޖެހި ބޮޑެތި ގެއްލުންތަކެއް ލިބުނު ލަކުޑި ޖެޓީގެ އުތުރު ފާލަން މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް، އެތަން ބަންދުކުރިތާ ދެ މަސް ފަހުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ފަށައިފި އެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެ ފަޅުތެރެއަށް ވަން ބާޖަކުން ޖެހި ލަކުޑި ޖެޓީގެ އުތުރު ފާލަމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާތީ، އެ ފާލާން މަރާމާތުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. ލަކުޑި ޖެޓީއަށް ގެއްލުން ލިބުނު ހާދިސާއާ ގުޅިގެން، އެ ޖެޓީގެ މުޅި ސްޓްރަކްޗާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން ބުނީ އެއީ ގިނަ ބަޔަކު ބޭނުންކުރާ ޖެޓީއަކަށް ވާތީ، އެތަނުގެ މަރާމާތުގެ މަސައްކަތްތައް ވީ އެންމެ އަވަހަކަށް ނިންމައި އަލުން އާންމުންނަށް ހުޅުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޖެޓީ ބަންދުކޮށްފައިވާ މުއްދަތުގައި އެ ސަރަހައްދުން ހިދުމަތް ހޯދާ މީހުންނަށް ދިމާވެދާނެ ދަތިތަކަށް އެޗްޑީސީން ވަނީ މާފަށް އެދިފަ އެވެ. އަދި އެ ކުންފުނީގެ އަމާޒަކީ ހުޅުމާލޭގައި ގާއިމްކޮށްފައިވާ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް، އާންމުންނަށް ވީހާ ވެސް ފަސޭހައިން ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ހުޅުމާލޭ ހުޅަނގު ފަރާތު މެރީނާ ސަރަހައްދުގައި ދެ ލަކުޑި ޖެޓީ އޮންނައިރު، މިއީ ސަފާރީތަކާއި ޑިންގީތަކުން ގިނަ އަދަދެއްގެ ބަޔަކު އަރައި ފޭބުމަށް ބޭނުންކުރާ މުހިންމު ސަރަހައްދެކެވެ. މި ސަރަހައްދުގެ ލަކުޑި ޖެޓީއަށް ބާޖެއް ގާތް ކުރަން އުޅުމުގެ ތެރޭގައި ލިބުނު ގެއްލުންތަކާ ގުޅިގެން، ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެތަން ވަގުތީ ގޮތުން ބަންދުކުރީ މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު އެވެ.
އިތުރު ގައުމުތަކުގެ މަރުކަޒުތަކަށް ހަމަލާދޭނަން: އީރާން
ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
