އުމްރާގެ އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އަންނަ ފަރާތްތަކުން ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން ސޯޝަލް މީޑިއާގައި މިއަދު އާންމުކުރި އިރުޝާދުތަކެއްގައި ބުނެފައިވަނީ، އުމްރާގެ އަޅުކަމަށްފަހު ރާއްޖެ އައިސް އުޅޭއިރު ރޯގާޖެހި، ކެއްސާ ނަމަ ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ގޭގައި އަމިއްލައަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށެވެ. އަދި ބަލީގައި ގިނަ ދުވަސްވެ، ހާލަތު ބޮޑުވަރުވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެ އެޖެންސީން ވަނީ އެދިފަ އެވެ.

އެޗްޕީއޭއިން ވަނީ އުމްރާވެރިންނާއި އެފަރާތްތަކުގެ އާއިލާތަކުން ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއް ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި، ހާއްސަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން އަދި ދާއިމީ ބަލިތަކަށް ފަރުވާކުރާ މީހުންގެ ގާތަށް ނުދިއުން.
  • އުމްރާއިން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން.
  • ޑޮކްޓަރަށް ދައްކާއިރު، އެއީ އުމްރާއިން އެނބުރި އައި މީހެއްކަން ނުވަތަ އުމްރާވެރިއަކާ ބައްދަލުވި މީހެއްކަން ސާފުކޮށް ބުނެދިނުން.
  • ގިނައިން ދިޔާތަކެތި ބޭނުންކުރުމާއި ރަނގަޅަށް އަރާމުކުރުން.
  • ހުން ގަދަވާނަމަ ގައިގައި ފެންހޭކުމާއި، ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާ ނުލައި ބޭނުން ނުކުރުން.
  • ކެއްސާ ކިނބިހިއަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމާއި، ބޭނުންކުރާ ޓިޝޫ ރައްކާތެރިގޮތުގައި ނައްތާލުން.
  • ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުމާއި، ބޭރުގައި އުޅޭއިރު މާސްކު އެޅުން.

މިދިޔަ ސްކޫލް ބަންދާ ދިމާކޮށް ރާއްޖެއިން 5,000 އަށްވުރެ ގިނަ މީހުން އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ގޮސްފައިވެއެވެ. ގިނަ އަދަދެއްގެ ބަޔަކު އެއްވެ އުޅޭ މިފަދަ ދަތުރުތަކަށްފަހު އެނބުރި އަންނައިރު ނޭވާލާ ނިޒާމުގެ ބަލިތައް ފެތުރުމުގެ ފުރުސަތު އޮތުމާއެކު، އާންމު ސިއްހަތު ރައްކާތެރިކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.