އެމެރިކާގެ މިސައިލް ދިފާއީ ނިޒާމަށް ބޭނުންވާ އިންޓަސެޕްޓަރުތައް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފޮކްސް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ޕެންޓަގަންގެ މިސައިލް ދިފާއީ ކޮމްޕޯނަންޓްތަކުގެ ރިޒާވް ވަނީ ބޮޑުތަނުން މަދުވާން ފަށާފަ އެވެ. މީގެ ސަބަބުން، ދެމުންގެންދާ ރައްދު ހަމަލާތައް މިހާރު ހުރި މިންވަރުގައި ކުރިއަށް ގެންދެވިދާނެތޯ އަސްކަރީ މާހިރުން ދަނީ ސުވާލު އުފައްދަމުންނެވެ.
ސެންޓަ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް (ސީއެސްއައިއެސް) އިން އެއްކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ހަމަނުޖެހުންތަކުގެ ކުރިން އެމެރިކާގެ އަތުގައި ހުރި 2,300 "ޕެޓްރިއަޓް" އިންޓަސެޕްޓަރުގެ އަދަދު މިހާރު ވަނީ 827 އަށް ވުރެ ދަށަށް ގޮސްފަ އެވެ.
މީގެ އިތުރުން، "ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިއާ ޑިފެންސް" (ތާޑް) ޔުނިޓްތަކުގެ ރިޒާވް ވެސް ވަނީ 452 އިން 278 އަށް ވުރެ ދަށަށް ގޮސްފަ އެވެ.
ސީއެސްއައިއެސް އިން އިންޒާރު ދޭ ގޮތުގައި، މި މުހިންމު ރިޒާވް އަލުން ފުރިހަމަކުރުމަށް މަދުވެގެން ތިން އަހަރު ދުވަސް ނަގާނެ އެވެ.
މީގެ ސަބަބުން، ޕެސިފިކް ސަރަހައްދު ފަދަ އެހެން ދިމާއަކުން ކުއްލި ނުރައްކަލެއް ކުރިމަތިވެއްޖެ ހާލަތެއްގައި، އެމެރިކާގެ ސިފައިންނާއި ބޭރު ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހިމާޔަތްކުރުމުގެ ގާބިލުކަމާމެދު ވަނީ ބިރުވެރިކަން އުފެދިފަ އެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، 2026 ވަނަ މާލީ އަހަރަށް ހުށަހަޅާފައިވާ 67 ބިލިއަން ޑޮލަރުގެ ކުއްލި ފަންޑުގެ ތެރެއިން 18.2 ބިލިއަން ޑޮލަރު ޕެންޓަގަނުން ވަނީ ހާއްސަކޮށްފަ އެވެ. މިއީ މަދުވެފައިވާ ޕެޓްރިއަޓް މިސައިލްތަކާއި، ނޭވީގެ ޓޮމަހޯކް ކްރޫޒް މިސައިލްތަކާއި، އަދި ތާޑް ސިސްޓަމްތައް އަލުން ހޯދުމަށް ކަނޑައަޅާފައިވާ ބަޖެޓެކެވެ. އަދި 2027 ވަނަ އަހަރުގެ އަސްކަރީ ބަޖެޓުގެ ޕްރިލިމިނަރީ ޕްލޭނުގައި ހިމަނާފައިވާ ހަތިޔާރުގެ ދެބައިކުޅަ އެއްބަޔަކީ 600,000 ޑޮލަރަށް ވުރެ އަގުހެޔޮ ހަތިޔާރު ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ ކުރިން ވެސް އެމެރިކާގެ ހަތިޔާރުގެ ސްޓްކޮ މަދުވެ އީރާނަށް ހަމަލާދިނުން ހުއްޓާލާފައިވާ ކަމަށް ބުނާ ރިޕޯޓުތަކެއް ފެންމަތިވުމާއެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެކަން ދޮގުކުރައްވާފަ އެވެ.
ހަމާސްގެ ހަތިޔާރު އަތުލުމާ ބެހޭ އެއްބަސްވުމެއް ގާއިމުކޮށްފި
ސްމާޓް އައިޑީ ކާޑާއެކު ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސަނީ
ސަރުކާރު ހަމަމަގަށް އެޅުވުމަށް މަގުމައްޗަށް ނުކުންނަނީ
