ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ސްމާޓް އައިޑީ ކާޑު ތައާރަފުކޮށް އެ އިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއީ "މޯލްޑިވްސް 2.0" މަޝްރޫއުގެ ދަށުން ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ހިންގާ ބޮޑު ހަރަކާތެއްގެ ބައެއް ކަމަށެވެ.

މި ކާޑު ފަރުމާކުރަނީ ފިންގާޕްރިންޓާއި ޗިޕް ހިމެނޭ ގޮތަށެވެ. އޭގެ ސަބަބުން ފައިސާގެ މުއާމަލާތްތައް ކުރުމުގެ އިތުރުން، އަމިއްލަ ރެކޯޑްތައް ބެލެހެއްޓުމާއި ތަފާތު އިދާރާތަކުން ހިދުމަތް ހޯދަން ފަސޭހަވެގެންދާނެ އެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި އަތުގައި އޮންނާނީ ފިޒިކަލް ކާޑެއް ކަމަށްވީ ނަމަވެސް، ކާޑުގެ ބޭނުންތައް ޑިޖިޓަލްވެފައި ސްމާޓްވާނެ އެވެ. އެގޮތުން ތަންތަނުން ހިދުމަތް ހޯދުމާއި ލިބިގަތުމުގައި ހުރިހާ ކަމަކަށް ވެސް މި ކާޑު ބޭނުންކުރެވޭނެ އެވެ.

މި ނިޒާމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމުގެ ބިލު މިހާރު ވަނީ މަޖިލީހަށް ފޮނުވާފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ އިތުރުން ބޭންކުތައް ވެސް އިސްތިސްނާއެއް ނެތި މި ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ބަދަލުގެ މައިގަނޑު ބޭނުމަކީ ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަ ގޮތެއްގައި ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އަމާޒަކީ 2030 އާ ހަމައަށްދާއިރު ޑިޖިޓަލް އިގްތިސާދަކީ ގައުމީ އުފެއްދުންތެރިކަމުގެ 15% ހިއްސާކުރާ ދާއިރާއަކަށް ހެދުން ކަމަށާއި، އޭރުން ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ދައުލަތުގެ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.