އަމިއްލަ ކުންފުނިތަކުން މި އަހަރުގެ ފުރަތަމަ ފަސް މަހު އިމްޕޯޓްކުރި މުދަލުގެ އަދަދު 14 ޕަސެންޓަށް އިތުރުވެއްޖެ އެވެ.
މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖެނުއަރީން މެއި މަހުގެ ނިޔަލަށް އަމިއްލަ ވިޔަފާރިތަކުން 1.2 ބިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ. މިދިޔަ އަހަރު އެ މުއްދަތުގައި އެ އަދަދު ހުރީ އެއް ބިލިއަން ރުފިޔާގަ އެވެ.
ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ އެންމެ ބޮޑު ބަޔެއް ނުވަތަ 66 ޕަސެންޓް އަމިއްލަ ކުންފުނިތަކުން ހިއްސާކުރާއިރު، ބާކީ 34 ޕަސެންޓް ހިއްސާކުރަނީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ.
މި އަހަރުގެ ފުރަތަމަ ފަސް މަހު ސަރުކާރުގެ އިމްޕޯޓް ވެސް ވަނީ 52 ޕަސެންޓަށް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި 347 މިލިއަން ރުފިޔާގެ މުދާ ސަރުކާރުން އެތެރެކުރިއިރު، މިއަހަރު އެ އަދަދު ވަނީ 528 މިލިއަން ރުފިޔާއަށް އަރާފަ އެވެ. އިމްޕޯޓް މަތިވި މައިގަނޑު އެއް ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމެވެ.
ޖުމްލަ ގޮތެއްގައި މި އަހަރުގެ ފުރަތަމަ ފަސް މަހު 1.8 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކުރިއިރު، ތެޔޮ އިމްޕޯޓަށް 498 މިލިއަން ރުފިޔާ އަދި ކާބޯތަކެއްޗަށް 350 މިލިއަން ރުފިޔާ ހޭދަވި އެވެ. ކާބޯތަކެތީގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ދިޔައީ މަހުގެ ބާވަތްތަކަށް 68 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން މޭވާގެ ބާވަތްތަކަށް 50 މިލިއަން އަދި ކިރުގެ ބާވަތްތަކަށް 47 މިލިއަން ރުފިޔާ ހޭދަވި އެވެ. އިމްޕޯޓުގެ އިތުރުން މިއަހަރުގެ ފުރަތަމަ ފަސް މަހު އެކްސްޕޯޓްވެސް ވަނީ 11 ޕަސެންޓް އިތުރުވެ، 234 މިލިއަން ރުފިޔާއަށް އަރާފަ އެވެ.
އިތުރު ގައުމުތަކުގެ މަރުކަޒުތަކަށް ހަމަލާދޭނަން: އީރާން
މޮރޮކޯއިން ސްޕެއިނަށް އެތެރެވާން އުޅުން 57 މީހުން މަރުވެއްޖެ
ނިދާއިރު އަނގައިގައި ޓޭޕް އެޅުން: މިއީ ކޮން ކަހަލަ ޓްރެންޑްއެއް؟