އީރާނާއެކު އަވަސް އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދުގައި ކަމަށް ވިދާޅުވެ، އެގައުމަށް ދެމުންދާ ހަމަލާތައް މަޑުޖައްސާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަހު ވަގުތު ނިންމަވައިފި އެވެ.
ޓްރަމްޕް ހޮނިހިރު ދުވަހުގެ ރޭ ވިދާޅުވީ، އީރާނުގެ ނިއުކްލިއާ މަޝްރޫއު ހުއްޓުވުމަށާއި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އަވަސް އެއްބަސްވުމަކަށް އާދެވޭނަމަ، އެގައުމަށް އަލުން ހަމަލާދިނުން މަޑުޖައްސާލުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
ޓްރަމްޕްގެ "ޓްރުތު ސޯޝަލް" ޕްލެޓްފޯމުގައި ލިޔުއްވާފައިވާ ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅި ވަގުތުން، ފުރިހަމައަށް އަދި އެއްކޮށް ހުޅުވާލުމަށާއި، އީރާނުގެ ނިއުކްލިއާ ބިރުވެރިކަން ނިމުމަކަށް ގެނައުމަށް އެއްބަސްވުމެއް ގާއިމުކުރުމަށްޓަކައި، އީރާނާއި މެދުއިރުމަތީގެ އެހެން ގައުމުތަކުން ވަނީ ވަގުތު ބޭނުންވާ ކަމަށް އެދިފައި ކަމަށެވެ.
"މި އެދުމުގެ މައްޗަށް ބިނާކޮށް، ދުނިޔޭގެ ލާބަޔަށާއި، ކާމިޔާބު އަދި ފާގަތި އީރާނެއް ދެމިއޮތުމަށްޓަކައި، އަވަސް އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ ޝަރުތުގެ މަތިން، ދޭން އުޅުނު ހަމަލާ ކެންސަލް ކުރުމަށް އަޅުގަނޑު މިއަދު އެއްބަސްވެއްޖައިން،" ޓްރަމްޕް ވިދާޅުވި އެވެ.
މީގެ އިތުރުން އިޒްރޭލުން ވެސް މި ނިންމުމުގައި ބައިވެރިވާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އިޒްރޭލުން މިކަމާ ގުޅޭގޮތުން ރަސްމީ ބަހެއް އަދި ބުނެފައެއް ނުވެ އެވެ.
މިކަމާ ގުޅިގެން އީރާނުން ވަނީ އެމެރިކާއަށް އިންޒާރު ދީފަ އެވެ. އީރާނުން ބުނެފައި ވަނީ އެމެރިކާއިން އެއްވެސް ކަހަލަ ނުރައްކާތެރި ފިޔަވަޅެއް އަޅައިފިނަމަ، ނުވަތަ ޓްރަމްޕްގެ އިންޒާރުތަކާ އެއްގޮތަށް އީރާނުގެ އަމާޒުތަކަށް ހަމަލާދީފިނަމަ، ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގުޗީ ތުރުކީ، ޕާކިސްތާން އަދި ސައުދީ އަރަބިއްޔާގެ އިސް މަސްއޫލުވެރިންނާ ފޯނުން ގުޅުއްވައި މިވާހަކަތައް ދައްކަވާފައިވަނީ، އީރާނުން ކުވައިތުގެ މުހިންމު ތަންތަނަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކެއް ކުވައިތު ސިފައިން ނައްތާލި ކަމަށް ބުނިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ.
އަރާގުޗީ ވަނީ އެމެރިކާގެ ފަރާތުން ސަރަހައްދުގެ ހަމަޖެހުން ގެއްލޭ ފަދަ އަމަލުތަކެއް ހިންގައިފިނަމަ ނުކުންނާނެ ނަތީޖާއާ މެދު އިންޒާރު ދެއްވާފަ އެވެ. އަދި އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް އެއާ އެއްވަރުގެ ރައްދެއް ދޭނެ ކަމަށާއި، މިކަމުގައި ބައިވެރިވާ ސަރަހައްދީ ގައުމުތަކަށް ވެސް އެ ރައްދު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވެސް ވަނީ ޓްރަމްޕާ ފޯނުން ގުޅުއްވައި، އީރާނާ މެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
މޫސުން ގޯސްވުމާއި އުދައެރުމުގެ ސަބަބުން އެކި ރަށްތަކަށް ގެއްލުން
މޮޑެލް ހެދުމަކީ ޝާފިއުގެ ކާމިޔާބު ހޮބީ!
އިތުރު ގައުމުތަކުގެ މަރުކަޒުތަކަށް ހަމަލާދޭނަން: އީރާން