ކުރީގެ ރައީސް އިބްރާހިމް ސޯލިހުގެ ސަރުކާރުގެ ބައެއް ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ހިންގި ހިޔާނާތެއްގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

އޭސީސީން ބުނީ ސިޔާސީ މަގާމުތަކުގައި ކުރީގައި ތިއްބެވި ބައެއް ބޭފުޅުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ސަރުކާރުގެ ބައެއް ކުންފުނިތައް މެދުވެރިކޮށް ނާޖާއިޒު ގޮތުގައި މަންފާ ހޯދާފައިވާކަމަށް ބުނެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކެއް ބަލަމުންދާ ކަމަށެވެ.

މިއީ ކޮން މައްސަލަތަކެއްކަން އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ. އަދި ބަލަނީ ކޮން ބަޔަކާ ގުޅުން ހުރި މައްސަލަތަކެއްކަންވެސް ހާމަކޮށްފައެއްނުވެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އޭސީސީން ތަހުގީގު ކުރަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދެ ވަޒީރަކާއި މިހާރު ވެސް މަޖިލީހުގައި ތިއްބެވި ބައެއް މެންބަރުން ހިމެނޭ މައްސަލައެކެވެ.

އެ މައްސަލައިގައި އޭސީސީން ވަނީ ބައެއް މުއައްސަސާތަކަށް ވަދެ ބައެއް މައުލޫމާތުތައް ވެސް ހޯދައިފަ އެވެ.