އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ އެނދުގެ ތަންމަތި ބަދަލުކުރި ނަމަވެސް، ބޭނުންކުރާ ބާލީސް އާ ކުރުމަށް އެހާ ބޮޑު ސަމާލުކަމެއް ދޭ ބައެއް ނޫނެވެ.

ނަމަވެސް، އެމެރިކާގެ މަޝްހޫރު ޑޮކްޓަރު ޑރ. ކުނާލް ސޫދު ވިދާޅުވާ ގޮތުގައި ގަވާއިދުން ބާލީސް ބަދަލު ނުކުރުމަކީ ސިއްހީ ގިނަ މައްސަލަތަކަކަށް މަގުފަހިވާ ކަމެކެވެ.

ބާލީސް ބަދަލުކުރަންޖެހޭ މުއްދަތު

ޑރ. ކުނާލް ސޫދު ހާމަކުރެއްވި ގޮތުގައި، މަދުވެެގެން ކޮންމެ 1 އަހަރަކާއި 2 އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ބޭނުންކުރާ ބާލީސް އާ ކުރަން ޖެހެ އެވެ. ސަބަބަކީ ގިނަ ދުވަސްވީ ބާލީހަކީ ސިއްހަތަށް ނުރައްކާތެރި ގިނަ މާއްދާތަކެއް އެއްވާ އެއްޗަކަށް ވާތީ އެވެ.

ގިނަ ދުވަސްވީ ބާލީހުން ލިބޭ ސިއްހީ ގެއްލުންތައް

  • ދިރޭ ސޫފާސޫފި: ބާލީހަކީ ކުދިކުދި ޖަރާސީމުތަކާއި ދިރޭ ސޫފި (ޑަސްޓް މައިޓްސް) އާލާވުމަށް އެންމެ ފަސޭހަ މާހައުލެވެ. މިއީ އެލާޖީއާއި ނޭވާ ހިއްލުމުގެ މައްސަލަތައް މެދުވެރިކުރުވާ މުހިންމު ސަބަބެކެވެ.
  • މޫނުގެ ހަމުގެ މައްސަލަތައް: ނިދާއިރު މޫނުން އުފެދޭ ތެލާއި، ދާ އަދި މަރުވާ ހަމުގެ ސެލްތައް ބާލީހަށް އަރަ އެވެ. މީގެ ސަބަބުން ބާލީހުގައި ޖަރާސީމު އުފެދި، މޫނުގައި ބިހިނެގުމާއި ހަމުގެ އެހެނިހެން މައްސަލަތައް ދިމާވެ އެވެ.ކެ
  • ބުރަކަށްޓާއި ކަނދުރާގައި ރިއްސުން: ގިނަ ދުވަސް ވުމުން ބާލީހުގެ މަޑުކަން ކެނޑި، ބައްޓަން ބަދަލު ވެއެވެ. މީގެ ސަބަބުން ނިދާއިރު ކަނދުރާއާއި ބޮލަށް ދޭންޖެހޭ އެކަށީގެންވާ ސަޕޯޓް ނުލިބި، ކަނދުރާއާއި ބުރަކަށީގައި ރިއްސަން ފަށައެވެ.

ބާލީސް ބަދަލު ކުރަން ވެއްޖެކަން އެނގޭނެ ނިޝާންތައް

  • ބައްޓަން ބަދަލު ވުން: ބާލީސް ދެފަށަށް ފަތް ޖަހާލުމުން އަމިއްލައަށް ކުރީގެ ބައްޓަމަށް ނިއުޅޭނަމަ އެއީ ރަނގަޅު ބާލީހެކެވެ. ފައްޖެހިފައި ހުންނަނަމަ ބަދަލު ކުރާށެވެ.
  • ކުލަ ބަދަލުވުން އަދި ވަސް ދުވުން: ދަލާއި ތެލުގެ ސަބަބުން ބާލީހުގައި ރީނދޫ ކުލައިގެ ތިކިތައް ޖެހި، ނުބައި ވަސްދުވަން ފެށުން.
  • ހޭލެވޭއިރު ބޮލުގައި ރިއްސުން: ކޮންމެ ދުވަހަކު ހޭލެވޭއިރު ކަނދުރާއަށް ތަދުވެފައި ހުރުން ނުވަތަ ކެއްސައި ނޭފަތް ބަންދުވުން.

އެހެންކަމުން، ގަވާއިދުން ބާލީސް އުރަ ދޮވެ ސާފު ކުރުމުގެ އިތުރުން، އެކަށީގެންވާ މުއްދަތު ހަމަވުމުން ބާލީސް ބަދަލު ކުރުމަކީ އަރާމު ނިންޖަކާއި ސާފުތާހިރު ސިއްހަތަކަށް ނުހަނު މުހިންމު ކަމެކެވެ.