މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕްރިޒަންސް (އޭސީޕީ) ގެ މަގާމުން ވަކިކުރި މުހައްމަދު އާސިފަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް، ދައުލަތުގެ އިސްތިއުނާފީ ހުށަހެޅުމާ ގުޅިގެން ހައިކޯޓުން ނެރެފި އެވެ. މި އަމުރު ނެރެފައިވަނީ ސިވިލް ކޯޓުގެ ނިންމުން ދައުލަތުން އިސްތިއުނާފު ކުރުމާ ގުޅިގެން، ހައިކޯޓުން އެ މައްސަލާގައި ވަކި ގޮތެއް ނިންމަންދެންނެވެ.

އާސިފް ވަޒީފާއިން ވަކިކޮށްފައިވަނީ ކަރެކްޝަންސްގެ ޕްރިޒަންސް ކްލަބުގެ އެކައުންޓުން 200،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ އެކި އެކައުންޓުތަކަށް ޖަމާކޮށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގަ އެވެ. މި މައްސަލައާ ގުޅިގެން އޭނާ ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަނުގައި ބެހެއްޓުމަށް ފަހު، ވަޒީފާއިން ވަކިކުރަން ކަރެކްޝަންސް އިން ނިންމިއެވެ. މި ނިންމުމާ މެދު ހިތްހަމަނުޖެހިގެން އާސިފްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އޭނާ ވަޒީފާއިން ވަކިކުރީ އިޖުރާއަތްތަކާ ހިލާފަށް އަދި އަދުލުވެރިކަމެއް ނެތި ކަމަށް ބުނެ އެވެ.

ސިވިލް ކޯޓުން މައްސަލަ ބެލުމަށް ފަހު ނިންމާފައިވަނީ އާސިފް މަގާމުން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ. އެހެންކަމުން އޭނާ އަދާކުރި އެސިސްޓަންޓް ކޮމިޝަނަރުގެ މަގާމު އަލުން އޭނާއަށް ދިނުމަށާއި، ވަޒީފާއިން ވަކިކޮށްފައި ހުރި މުއްދަތުގެ މުސާރައާއި އިނާޔަތްތައް ދައުލަތުން އޭނާއަށް ދިނުމަށް ސިވިލް ކޯޓުން އަމުރުކުރި އެވެ. މީގެ އިތުރުން، އެ މައްސަލަ ކޯޓުގައި ހިނގަމުންދިޔައިރު އެ މަގާމަށް އިތުރު މީހަކު ނުނެގުމަށް ވެސް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވެ އެވެ.

ނަމަވެސް، ސިވިލް ކޯޓުގެ މި ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެފަ އެވެ. މި އަމުރުގައި ބުނެފައިވަނީ ހައިކޯޓުން މައްސަލަ ބަލައި ވަކި ގޮތެއް ނިންމުމުގެ ކުރިން، އާސިފަށް އަލުން ވަޒީފާ ދިނުން މަޑުޖައްސާލަން ޖެހޭނެ ކަމަށެވެ. މިއާއެކު މި މައްސަލައިގެ ފައިނަލް ނިންމުން ނިމެންދެން އާސިފަށް ވަޒީފާގެ ރުޖޫއަވުން މަޑުޖެހިގެންދާނެ އެވެ.