ހއ. ކެލާގެ މަގު ހެދުމުގެ މަސައްކަތް ކުރުމަށް މިއަދު މަގެއް ކޮންނަނިކޮށް ބާގީ ފާރެއް ވެއްޓި، އެ ރަށު މަގު ހެދުމުގެ މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އުމުރުން ދުވަސްވީ މުވައްޒަފަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.
މިއަދު ހެނދުނު 10:30 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ ކެލާ މަގު ހެދުމުގެ މަޝްރޫއުގައި މަސައްކަތް ކުރަމުންދިޔަ އެ ރަށަށް ނިސްބަތްވާ އުމުރުން 60 އަހަރުން މަތީގެ ފިރިހެން މުވައްޒަފަކަށެވެ. އެ ހާދިސާ ހިނގަން މެދުވެރިވީ ރަށުގެ މަގުތަކުގައި ތާރު އެޅުމުގެ ކުރިން އަޅަންޖެހޭ ހޮޅިތައް ވަޅުލުމަށްޓަކައި މަގު ކޮންނަމުން ދަނިކޮށް ކަމަށް ކެލާ ކައުންސިލުން ބުންޏެވެ.
ކައުންސިލް މެންބަރަކު ވިދާޅުވި ގޮތުގައި އެ މަސައްކަތް ކުރަމުން ދިޔައީ ބޯދާ، ބާ ފާރެއްގެ ކައިރިން ކަމަށްވެފައި، ފާރާ މާ ކައިރިން ކޮނުމުގެ ސަބަބުން ފާރުގެ ބިންގާ ބަލިވެ މުވައްޒަފުގެ ގަޔަށް ފާރު ބިންދައިގެން ވެއްޓުނީ އެވެ.
އަނިޔާވި މުވައްޒަފަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ކެލާ ސިއްހީ މަރުކަޒުގަ އެވެ. ނަމަވެސް ލިބިފައިވާ އަނިޔާތައް ސީރިއަސްވުމުގެ ސަބަބުން، އިތުރު ފަރުވާއަށާއި ޓެސްޓުތައް ހެދުމަށް އޭނާ މިހާރު ވަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ސިއްހީ މަރުކަޒުން ފަރުވާ ދިން އިރު، އޭނާއަށް ނޭވާލުމަށް އުނދަގޫތަކެއް ހުރި ކަމަށާއި، ފައި ބިންދައިގެން ގޮސްފައި ނުވަތަ ފައިގެ ހުޅެއް ނެއްޓިފައިވާ ކަމުގެ ނިޝާންތަކެއް ހުރި ކަމަށް ކައުންސިލުން ބުނެ އެވެ. އޭނާގެ ހާލަތުގެ އިތުރު ތަފުސީލު އެނގޭނީ ކުޅުދުއްފުށީ ހޮސްޕިޓަލުން ހަދާ އެކްސްރޭ އާއި ޓެސްޓުތަކުގެ ނަތީޖާ ލިބުމުންނެވެ.
މި ހާދިސާއާ ގުޅިގެން ކެލާ ކައުންސިލުން ވަނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްގެންދާއިރު ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ވަރުގަދަކުރުމަށް އާރްޑީސީއަށް އިރުޝާދުދީ ނަސޭހަތްތެރިވެފަ އެވެ.
މަގު ކޮނުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުތަކުގައި ހުންނަ ބާ އިމާރާތްތަކާއި ފާރުތަކުގެ ސަބަބުން މަސައްކަތްތެރިންނަށާއި އާންމުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކައުންސިލުން ވަނީ ގޮވާލާފަ އެވެ.
ބާލީސްތައް އެންމެ ފަހުން ބަދަލުކުރީ ކޮން އިރަކު؟
ނިދީގައި ކުޅު ފައިބަނީ ކީއްވެ؟ މިއީ ސިއްހީ މައްސަލައެއްތަ؟
އާސިފަށް އަލުން ވަޒީފާ ދިނުން ހައިކޯޓުން ހުއްޓުވައިފި
