ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ އެއްވެސް މަޝްވަރާއެއް އެމްޑީޕީގެ ތެރޭގައި ނުހިނގާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް އިސްލާހު ގެންނަނީ މަޖިލީހުގެ މަސައްކަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު އިކްރާމް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ވިސްނުމެއް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގައި އަދި ނެތް ކަމަށެވެ. އަދި ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ ގަވައިދަށް ގެންނަ އިސްލާހުތަކަކީ، މަޖިލިސް ނުހުއްޓި ކުރިއަށް ގެންދިޔުމަށް ގެނެވޭ އިސްލާހެއް ކަމަށް އިކްރާމް ވިދާޅުވި އެވެ.

"އަޒުލް ކުރުމުގެ މަޝްވަރާއެއް ނުކުރޭ. ތިން ބާރު ވަކިން ހިނގާ ގައުމެއްގާ އެއް ބާރުން އަނެއް ބާރަ ހުރަސް އެޅުމަކީ ކުރެވިގެންވާނެ ކަމެއް ނޫން،" އިކްރާމް ވިދާޅުވި އެވެ.

ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ގަވައިދަށް އިސްލާހު ހުށަހެޅީ އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ޝިފާއު އެވެ.

ޝިފާއުގެ މި އިސްލާހާ އެކު، މަޖިލީހުގެ ކޯރަމް ގުނާ އަދަދާއި މަޖިލީހުގެ ޖުމްލަ މެންބަރުންގެ ވަކި އަޣުލަބިއްޔަތަކުން ފާސްކުރަން ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ކަންކަމުގެ އަދަދަށް ބަދަލު އަންނާނެ އެވެ. އޭގެ ތެރޭގައި މަޖިލީހުން ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުން ހިމެނެ އެވެ.

ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ގާނޫނުއަސާސީގައިވާ ގޮތުން އެކަމަށް ހުށަހަޅާ ގަރާރު މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވެގެންނެވެ.

ޝިފާއުގެ އިސްލާހު ފާސްވެއްޖެ ނަމަ އެމްޑީޕީގައި މިހާރު އޮތް މެޖޯރިޓީން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވޭނެ އެވެ. އެ ހާލަތުގައި މައްސަލަ ފާސްކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ. އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގައި މިވަގުތު ތިއްބަވަނީ 56 މެންބަރުންނެވެ.

އެހެންވެ، މި އިސްލާހަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވައްޓާލަން އެމްޑީޕީން ކުރާ މަސައްކަތެއް ކަމަށް ބުނެ ސަރުކާރުގެ ބައެއް ބޭފުޅުން ވަނީ އެމްޑީޕީއަށް ފާޑުކިޔައިފަ އެވެ.

މިމައްސަލައާ ބެހޭ ގޮތުން ރައީސް މުއިއްޒު ރޭ ވިދާޅުވީ ގާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން ނިންމުމަކީ ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ޣައްދާރުވުން ކަމަށެވެ. އަދި ގައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި، ގައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ގާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން، އަދި ވަކިން ހާއްސަކޮށް ތިމާމެންގެ އާރާއިބާރު ދައްކާލާން ބޭނުންވީމާ ރައްޔިތުންނަށާއި މި ލޮބުވެތި ދިވެހިރާއްޖެއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ ދިވެހި ދައުލަތަށާއި މި ލޮބުވެތި ދިވެހި އާއިލާއަށް ކަނޑައެޅިގެން ޣައްދާރުވުން. ގައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި، ގައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.