ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.

ހައިކޯޓުން ބުނީ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް އިސްތިއުފާ ދެއްވާފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަދި ވޭތުވެދިޔަ 11 އަހަރު ފަނޑިޔާރުކަމުގެ މަގާމުގައި ފަނޑިޔާރު އަބްދުލް ރައޫފު އިބްރާހީމް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތަށް ހައިކޯޓުގެ ފަރާތުން ވަނީ ޝުކުރު ދަންނަވާފަ އެވެ.

ރައޫފު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ސަރުކާރުން ފަނޑިޔާރުންނަށް ދޫކުރި ފްލެޓުތަކެއް މި ދެ ފަނޑިޔާރުން ނެންގެވީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށްކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަގައި ޖޭއެސްސީން ބެއްލެވުމަށްފަހު މަގާމުން ވަކި ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފަހުންނެވެ.

އެކަމަކު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ އެ މައްސަލަ ޖޭއެސްސީން ބަލާފައިވަނީ ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތަކެއް ފުރިހަމަ ނުކޮށް ކަމަށް ނިންމާ އަލުން އެ ކޮމިޝަނަށް މައްސަލަ ފޮނުވާލާފަ އެވެ.

މިމައްސަލާގައި މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމާފައި ވަނީ ހައިކޯޓުގެ ފަނޑިޔާރު ރައޫފް އާއި ފަނޑިޔާރު ހަމީދެވެ.

އަބްދުއްރައޫފު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަނުކޮށް މަގާމުގެ ހުވާ ކުރައްވާފައިވަނީ 2011 މާޗް 26 ވަނަ ދުވަހު އެވެ.