ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ފާޑުކިޔައިގެން ޖުޑިޝަރީގެ އިދާރީ މަސައްކަތް ކުރާ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި އެވެ.

ސޯޝަލް މީޑިއާގައި ޕޮކްމަންގެ ނަމުގައި ހަރަކާތްތެރިވާ މި ޒުވާނާ 10 އަހަރު ދުވަހު އަދާކުރަމުން އައި ވަޒީފާއިން ވަކިކުރީ ސޯލިހުގެ ސަރުކާރަށް ތިންއަހަރު ވީ ދުވަހު އެވެ. އޭނާ މަސައްކަތް ކުރަމުންއައީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގަ އެވެ.

ޕޮކްމަން ކޮށްފައިވާ ޓުވީޓްތަކުގެ މައްސަލަ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅައި އޭނާއާ މެދު ފިޔަވަޅު އެޅުމަށް ފުރަތަމަ އެދުނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިންނެވެ.

ޖޭއެސްސީއަކީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގެ އިޚުތިސާސް އޮންނަ ކޮމިޝަނެއް ކަމުގައިވީ ނަމަވެސް އެ ކޮމިޝަނަކީ ޖުޑީޝަރީގެ އިދާރީ ހިންގުމާއި މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމުގެ އިޚުތިސާސް އޮތް ކޮމިޝަނެއް ނޫނެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ޕޮކްމަންގެ ޓުވީޓްތައް ދިރާސާކޮށް ރިޕޯޓެއް ތައްޔާރު ކޮށްފަ އެވެ.

އެރިޕޯޓުގައިވާގޮތުން ރައީސް ސޯލިހަކީ "ކުލޫލެސް" ނުވަތަ ތަނެއް ދޮރެއް އެނގިވަޑައިނުގަންނަވާ ބޭފުޅެއް ކަމަށް ލިޔެފައިވާ ޓުވީޓްގެ މައްސަލަ ހިމެނެ އެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފައިވަނީ އެ ޓުވީޓަކީ އަދި އެ އިބާރާތަކީ ރައީސަށް ނިސްބަތްކޮށް މަލާމާތްކޮށް ނުވަތަ ފުރައްސާރަކުރުމުގެ މަގްސަދުގައި ކޮށްފައިވާ ކަމެއް ކަމަށެވެ.

ރައީސް ސާލިހުގެ މޫނު ޖެހި ފޮޓޯއެއް ހިއްސާކޮށް ޑޮލަރު ގޯންޏެއް ކޮނޑު އަޅުވައިގެން ދާ މަންޒަރު ދައްކާ ފޮޓޯއެއް ހިމެނޭ ޓުވީޓެއް އޭނާގެ އެކައުންޓުން ރިޓުވީޓުކޮށްފައިވާ މައްސަލަވެސް ބަލާފައިވެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އަދި އެއިރު އެޗްއޯއީސީގެ ތަރުޖަމާނުގެ ގޮތުގައި ހުންނެވި މުހައްމަދު މަބްރޫކު އަޒީޒަށް ދޮގުރޫކު ކިޔަނީ ދޮގެއް ހެދެން އޮއްވައި ތެދެއް ނުބުނާތީ ކަމަށް ބުނެ ލިޔެފައިވާ ޕޯސްޓަކީ ވެސް ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދާ ހިލާފު ކަމެއް ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފައި ވެއެވެ. މީގެ އިތުރުން ވެސް ރައީސް ނަޝީދުގެ ޕެރޮޑީ އެކައުންޓެއްކަމަށްވާ އޮނެސްޓް ނަޝީދުގެ ނަމުގައި ކޮށްފައިވާ ޓުވީޓުތައް ރިޓުވީޓްކުރުމާއި އަދި އޭގެ ބައެއް ޓުވީޓްތަކަށް ކޮށްފައިވާ ކޮމެންޓްތަކުގެ މައްސަލަ ވެސް ތަހްގީގުކޮށްފައިވެ އެވެ.

ރައީސް ސާލިހުގެ ރިޔާސީ ކެޕްމެއިންގެ ތެރޭގައި ވިދާޅުވެފައިވަނީ ތާއީދުކުރާ ސިޔާސީ ފިކުރެއްގެ ސަބަބުން ނުވަތަ ފާޅުކުރާ ހިޔާލެއްގެ ސަބަބުން އެމީހާގެ ވަޒީފާ ނުގެއްލޭނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރެއްގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އިންތިހާއަށް ހުޅުވާލާނެ ކަމަށެވެ.