އީރާނުން ދީފާނެ ކަމަށް ބެލެވޭ ހަމަލާއެއްގެ ނުރައްކަލާ ހުރެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިއްރު ގޮތަކަށް ތުރުކީން ފުރީ ކޭޓަރިން ޓްރަކެއްގައި ފޮރުވިގެން ގޮސް އަސްކަރީ މަތިންދާ ބޯޓެއްގައި ކަމަށް "ވޮޝިންޓަން ޕޯސްޓް" ނޫހުން ބުނެފި އެވެ.
އެ ނޫހުގައިވާ ގޮތުން، ޓްރަމްޕް "އެއާ ފޯސް ވަން" އިން ކުޑަ އަސްކަރީ ބޯޓަކަށް ބަދަލުކުރީ އީރާނުން އޭނާ އަވަހާރަކޮށްލަން އުޅޭކަމުގެ އިތުބާރު ހުރި މައުލޫމާތު އެމެރިކާގެ އޮފިޝަލުންނަށް ލިބުމުންނެވެ.
މި ސިއްރު އޮޕަރޭޝަން ހިންގާފައި ވަނީ މިދިޔަ ޖުލައި މަހުގެ 8 ވަނަ ދުވަހު ތުރުކީގެ އަންކާރާގައި ބޭއްވި ނޭޓޯގެ ސަމިޓަށް ފަހުގަ އެވެ. މި ހަރަކާތުގައި، ނޫސްވެރިންނާއި ވައިޓް ހައުސްގެ ބައެއް މުވައްޒަފުން ތިބި ކުރީގެ "އެއާ ފޯސް ވަން" ބޯޓަކީ ޓްރަމްޕް އިންނެވި ބޯޓުކަން ދެއްކުމަށްޓަކައި، އޮޅުވާލުމުގެ ބޮޑު ރޭވުމެއް ވަނީ ހިންގާފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ޓްރަމްޕް ސިއްރުގޮތަކަށް އަސްކަރީ "ސީ-32 އޭ" މަރުކާގެ ބޯޓަށް ބަދަލުކުރީ އެއާޕޯޓުގައި ބޭނުންކުރާ ކާބޯތަކެތި އުފުލާ ލޮރީއެއްގެ އެހީގަ އެވެ. މިގޮތަށް ކަންތައް ކުރީ އޭނާ ހުންނެވި ސީދާ ތަން އާންމުންނަށާއި، ސަރުކާރުގެ ބައެއް އިސް އޮފިޝަލުންނަށް ވެސް ސިއްރުކުރުމުގެ ބޭނުމުގަ އެވެ.
ޓްރަމްޕް ފާޅުގައި "އެއާ ފޯސް ވަން" އަށް އަރާވަޑައިގަތުން
ޓްރަމްޕް ތުރުކީއަށް ވަޑައިގަތީ ގަތަރުން އެމެރިކާއަށް ހަދިޔާކޮށްފައިވާ އާ ބޮއިންގް 747-8 މަރުކާގެ މަތިންދާބޯޓުގަ އެވެ. ނަމަވެސް، އަންކާރާ އިން ފުރާވަޑައިގަތުމަށްޓަކައި އޭނާ ފާޅުގައި އަރާވަޑައިގަތީ ކުރިން "އެއާ ފޯސް ވަން" ގެ ގޮތުގައި ބޭނުންކުރި ބޮއިންގް 747 މަރުކާގެ ބޯޓަށެވެ.
މި މަންޒަރު ޓީވީ ކެމެރާތަކަށާއި ނޫސްވެރިންނަށް ފެނިފައިވާއިރު، އެންމެންނަށް ވެސް ގަބޫލުކުރެވުނީ ރައީސް އިނގިރޭސިވިލާތަށް ދަތުރުކުރައްވާނީ އެ ބޯޓުގައި ކަމަށެވެ.
"ވޮޝިންޓަން ޕޯސްޓް" އިން ބުނި ގޮތުގައި، ބޯޓަށް އެރި ނޫސްވެރިންނަށް ފަހުން ވަނީ ބޯޓުގެ ކުޑަދޮރުތަކުގެ ފޮތިތައް ތިރިކޮށްފައި ބެހެއްޓުމަށް އަންގާފަ އެވެ.
ކަނޑުއޮޅިން މައިންތައް ސާފުކޮށް އެއްކޮށް ހުޅުވާލައިފިން: ޓްރަމްޕް
ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު މަރަން ހުކުމްކޮށްފި
