ވެރިކަންކުރާ މައި ޕާޓީ ކަމަށްވާ އެމްޑީޕީ ތެރޭގައި އުފެދިގައިވާ ކޯޅުންތަކުގެ ސަބަބުން ކުރީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނާ ދެކޮޅުވެރި ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ ދެކޮޅަށް ބޭނުންކުރާ ޝިއާރުގެ ބަސްތަށް މިފަހަރު އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީއާ ދެކޮޅަށް ބޭނުންކުރަން ޖެހިއްޖެ އެވެ.
އެމްޑީޕީ ތެރޭގައި މިހާރު ވަނީ ދެ ފެކްޝަނެއް އުފެދިފަ އެވެ. އެއީ ރައީސް ސޯލިހު އަށާއި ނަޝީދަށް ތާއިދު ކުރައްވާ ފެކްޝަނެވެ، މަޖިލިސް ގިނަ މެމްބަރުންނާއި ގިނަ މިނިސްޓަރުން ތިއްބެވީ ރައީސް ސޯލިހުއާއެކު އެވެ. ނަޝީދާ އެކު ތިއްބެވީ ވަރަށް މަދު ބައެކެވެ.
ރައީސް ސޯލިހު އާއި ނަޝީދާއި ދެމެދު ޖެހިފައިވާ މައްސަލައަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ މައްސަލަ އެވެ. ނަޝީދު ބޭނުންފުޅު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށްގެން ބޮޑު ވަޒީރުކަމަށް އަންނާށެވެ. އެކަން ނަޝީދު ވަނީ ރައީސް ސޯލިހުއަށް ވެސް ދަންނަވައިފަ އެވެ. އަދި ވަރަށް ފަހުން ވަނީ ވެރިކަމުގެ ނިޒާމު 2023 ވަނަ އަހަރު ބަދަލުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ނަޝީދަށް ވަނީ އަމާޒުވެފަ އެވެ.
ނަމަވެސް ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ވެރިކަންކުރާނެ ނިޒާމެެއް ނިންމާނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ. ނަޝީދު ސިފަކުރައްވާ ގޮތުގައި ބޮޑުވަޒީރަށްވުމަށް ހުރަސް އަޅުއްވަނީ ރައީސް ސޯލިހު އެވެ. އަދި އެކަން ކުރައްވަނީ މިނިސްޓަރުންނަށާއި މަޖިލިސް މެމްބަރުންނަށް ނުފޫޒު ފޯރުވައިގެންނެވެ.
އެކަމާ ގުޅިގެން އުފެދިފައިވާ ކޯޅުންތަކުގެ ތެރެއިން ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީގައި ދީނީ ހަރުކަށި ފިކުރުގެ މީހުން އެބަތިއްބެވި ކަމަށެވެ.
އެމްޑީޕީ ލިޑާޝިޕުން މީގެ ކުރިން ބުނަމުންއައީ ދީނީ ހަރުކަށި ފިކުރުގެ މީހުންގެ ތާއިދު އޮތީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ކަމަށެވެ. އަދި އެ ކޯލިޝަނުން ވެސް ކޮންމެވެސް ވަރަކަށް ދީނީ ހަރުކަށި ފިކުރުގެ މީހުންނާ ގުޅުން ބާއްވާ ކަމަށެވެ. ނަމަވެސް މިއަދު ނަޝީދު އެމްޑީޕީ ތެރޭގައި ދީނީ ހަރުކަށި ފިކުރު އޮތްކަމަށް ބުނުމުން ގިނަ ބަޔަކަށް ސިހިފަ އެވެ. މިއީ އެއްވެސް މީހަކު އުއްމީދުކުރި ގޮތެއް ނޫނެވެ.
"އެ ވެރިންގެ (އެމްޑިީޕީ ލީޑާޝިފު) ތެރޭގައި ވަނީ ހަނގުރާމައެއް. އަޅުގަނޑުމެން ކޯލިޝަންއަށްޓަކައި މީހުން ރުއްސަނީ. އެމްޑީޕީގެ ތެރޭގައިވެސް ހަރުކަށި ވިސްނުން އެބަ އުޅޭ،" ނަޝީދު ވިދާޅުވި އެވެ.
އަބަދުވެސް ރާއްޖޭގެ ވެރިކަމަށް އައުމުގެ ހުވަފެން ދެކޭ އަދި ހުވަފެން ހަގީގަތަކަށް ހަދަން މަސައްކަތް ކުރައްވާ ނަޝީދު އިތުރަށް ވިދާޅުވީ، "ދުވަހަކު ވެރިކަން ނުހޯދުނަސް މި ވެރިންނާއެކު (ރައީސް ސޯލިހު ފެކްޝަނާއެކު) އުޅެން ބޭނުން ނުވާ" ކަމަށެވެ. އެމަނިކުފާނު އެދިވަޑައިގަންނަވަނީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތުގެ މީހުންގެ ކޯލިޝަނެއް ކަމަށާ އެއީ ޕީޕީއެމް ކަމުގައިވިޔަސް މިހާރު އެކަން ކުރުން މާ މުހިންމު ކަމަށްވެސް ވިދާޅުވި އެވެ.
މިއީ ވެސް ބަޔަކު ހީކުރި ގޮތެއް ނޫނެވެ. ނަޝީދު ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ އެއްކޮށް މަސައްކަތް ކުރައްވާނެ ކަމުގެ ޝައުގުވެރިކަން ފާޅުކޮށްފާނެ ކަމަށް އެމްޑީޕީއިން ވެސް ގަބޫލުނުކުރައްވަ އެވެ. ޕީޕީއެމް/ޕީއެންސީއިން ވެސް އެގޮތަށް ގަބޫލެއް ނުކުރެ އެވެ. ނަޝީދުގެ ދައުވަތު ގަބޫލުކުރަން އިދިކޮޅު ކޯލިޝަނުން ވަނީ ދެކޮޅު ހަދައިފަ އެވެ.
އެ ކޯލިޝަނުން ބުނީ ދުވަހަކު ވެސް ނަޝީދާއެކު ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށެވެ.
"އަހަރެމެންގެ ރާއްޖެ އަހަރެމެންގެ ދަރިންނަށް ދޭން ޖެހޭނެ. ވެރިކަމެއް ބޭނުމެއް ނޫން. އެކަންވެސް ކުރެވިއްޖެ. ނުކުރެވޭ އެއްވެސް އެއްވެސް ކަމެއް ނެތް. ރައީސުލްޖުމްްހޫރިއްޔާވެސް އެހުރީ ތާށިވެފައި،" ނަޝީދު ވިދާޅުވި އެވެ.
ގައުމީ މަޖިލީހުގެ ގްރޫޕަށް ފޮނުވި މެސެޖުގައި ނަޝީދު އިތުރަށް އެދިވަޑައިގަތީ ރައީސް ސޯލިހުއާ ޒާތީ ނުވުމަށާއި، ދެރެއަށް ލިބިދާނެގޮތަށް އެމްޑީޕީ މެމްބަރުން އަމަލު ނުކުރުމަށެވެ. އަދި ވިދާޅުވީ ރައީސް ސޯލިހުއާއެކު އިތުރަށް ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށެވެ.
މިއީ އެމްޑީޕީ ތެރޭގައި އުފެދިފައިވާ ދެ ރައީސުންގެ ކޯޅުމުން ނަޝީދު ބަލިވުން ކަމަށް ބައެއް މީހުން ދެކެ އެވެ.
ބޮމާއެކު މިކަލޭގެ ބޯވެސް ގޮވައިފިކަން ޔަގީން..!
2012 ގައި މުލިޔާގެއިން ތޯލާ ފުޅިފެނުނީމާ ރައްޔިތުން ވަނީ ނަޝީދު ދޫކޮށްލާފައި ތޯލާ ގެން ގުޅޭމީހަކު ރައްޔިތުން ބޭނުމެއް ނުވޭ !
ކަޑުފަރު އޮއިވަރު ހާހަލާއި ދިޔަވަރު ނޭނގި މާލިމީކަން ކުރަން އުޅުމަކީ އޮޑި އޮޔާއި ގޮސް ފަރުގައި ޖެހޭނެ ކަމެއްކަން ހުރިހާ މީހުންވެސް ދަނޭ !