ހުޅުމާލޭގައި ކޮވިޑް-19 ގެ ބަލިމީހުންނަށް ޚާއްޞަކޮށްގެން މިހާރު ތައްޔާރުކުރަމުންދާ މެޑިކަލް ފެސިލިޓީ އިމާރާތަށް، ރައީސް، އިބްރާހީމް މުހައްމަދު ސޯލިހު، މިއަދު ޒިޔާރާތްކުރައްވައި އެތަން ބައްލަވާލައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ މިޒިޔާރަތުގައި، ހުޅުމާލޭގައި އަލަށް ހަދާ ކޮވިޑް ފެސިލިޓީއާ ބެހޭ މައުލޫމާތު ރައީސް ސޯލިހަށް ދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހައިލާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ކަމަށެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ބޭފުޅުން ވެސް މި ފެސިލިޓީ ބެހޭ މައުލޫމާތު ރައީސަށް ދެއްވި ކަމަށް ރައީސް އޮފީހުން ބުނެފަ އެވެ.

ކޮވިޑް ފެސިލިޓީގެ ގޮތުގައި އަލަށް ބޭނުންކުރަން ނިންމާފައި ވަނީ، ކުރީ ސަރުކާރުން އެޗްޑީސީއަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން އިންޑަސްޓްރިއަލް އޭރިއާގައި ހެދި ޑިސްޓްރިބިއުޝަން ސެންޓަރެވެ.

ކޮވިޑަށް ފަރުވާ ދިނުމަށް އެތަން މެޑިކަލް ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، މިއީ ހުޅުމާލޭގައި ކޮވިޑް ބަލި މީހުންނަށް ފަރުވާ ދިނުމަށް ހަދާ ދެވަނަ މެޑިކަލް ފެސިލިޓީ އެވެ.

ކޮވިޑް ދެވަނަ ފެސިލިޓީއެއް ހަދަން ނިންމީ ރާއްޖެއިން ކޮވިޑް ކޭސްތައް އަނެއްކާ ވެސް ގިނަވެ، އެ ބަލީގައި ފަރުވާ ދޭން ޖެހޭ މީހުން އިތުރުވެ، ފަރުވާ ދެމުންދާ ފެސިލިޓީތައް ފުރެން ގާތްވުމުންނެވެ. އަދި މީގެ އިތުރުން ހުޅުމާލޭގައި އަލަށް ހެދި އެފްއޭއެމް އިމާރާތް ވެސް ވަނީ ކޮވިޑް-19 މެޑިކަލް ފެސިލިޓީއަކަށް ބަދަލުކޮށްފަ އެވެ.

މީގެ ކުރިން ވަނީ ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކުރިމައްޗަށްވާ ގޮތަށް ހުންނަ އިމާރާތް ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ނަމުގައި ހުޅުވާފަ އެވެ. އެ ފެސިލިޓީގައި އައިސީޔޫއާއި ވެންޓިލޭޓަރު ފަދަ ވަސީލަތް ވަނީ ގާއިމުކޮށްފަ އެވެ.

290 އެނދުގެ ޖާގައިގެ އެ ފެސިލިޓީ ނިންމާ އެންމެ ފުރަތަމަ ކޮވިޑް ބަލި މީހަކަށް ފަރުވާ ދީފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ކުރީކޮޅެވެ. މިހާރު އެ އިމާރާތުގައި 53 މީހަކަށް ގެންދަނީ ފަރުވާ ދެމުންނެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް ބައްޔަށް ފަރުވާ ދޭ ފެސިލީޓީތައް ހަދާފައިވެ އެވެ. އެގޮތުން ބ. އޭދަފުށި، ށ. ފޮނަދޫ، ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ލ. ގަން ފެސިލިޓީ ހިމެނެ އެވެ.