މާލެ ސަރަހައްދުގައި ސަރުކާރު އޮފީސްތައް އަންނަ ޖޫން މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ބަންދުކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މުޅި ރާއްޖޭގައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން އެންގުމާއި ގުޅިގެން، މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅު) ގައިވާ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސަވައިފައިވާ މުއްދަތު، ޖޫން މަހުގެ 8 ގެ ނިޔަލަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިތުރުކުރައްވާފައިވާ ކަމަށެވެ.

މި މުއްދަތުގެ ތެރޭގައި މުވައްޒަފުން ގޭގައި ތިއްބަވައިގެން ކުރެއްވެން ހުރި މަސައްކަތްތައް ގޭގައި ތިއްބަވައިގެން ކުރައްވަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހައި ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށް ރައީސް ދަންނަވާފައިވބާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އަދި އެމަނިކުފާނު ވަނީ ސަރުކާރުގެ އިދާރާތަކުން ދެއްވާ އަސާސީ ޚިދުމަތްތައް ދެއްވުމަށާއި، އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެނަމަ، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެ ކަމުގައިވެސް ދަންނަވާފަ އެވެ.

މީގެ އިތުރުން ރައީސް އޮފީހުން ބުނީ ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސެވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގަވާ އެންގެވުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އެޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސް އަންގަވާފައިވާ ކަމަށެވެ.

ހަމަ އެއާއެކު މާލެ ސަރަޙައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ހަމަޖެއްސެވި މި ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނޫންކަމުގައިވެސް އެމަނިކުފާނު ވަނީ މި ދެންނެވުމުގައި އަންގަވާފަ އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާދަމާއިން ފެށިގެން ކާފިއު އިއުލާނުކޮށްފައިވާ ވަގުތު ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން ހަވީރު 4:00 އިން ފެށިގެން ހެނދުނު 8:00 ވަނީ ކާފިއު ވަގުތު އިތުރުކޮށްފަ އެވެ. މީގެ އިތުރުން ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށް ގެއިން ބޭރަށް ނިކުމެވޭނީ ފުލުހުންގެ ހުއްދަ ހޯދައިގެން ކަމަށް ވަނީ ބުނެފަ އެވެ. އަދި ހުޅުމާލެ އާއި މާލެ ދެމެދު ދަތުރުފަތުރުކުރުން ވަނި މެދުކަނޑާލާފަ އެވެ.