ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މަސައްކަތް ކުރައްވަން ފައްޓަވައިފި އެވެ.

ފަޒްނާ ހުޅުމާލެ ފެސިލިޓީގައި މަސައްކަތް ކުރައްވަން ފެއްޓެވިކަން ހާމަކުރެއްވީ ގާލް ގައިޑް އެސޯސިއޭޝަނުން ކުރެއްވި ޓްވީޓެއްގަ އެވެ.

އެ އެސޯސިއޭޝަނުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި އެ އެސޯސިއޭޝަނުގެ ޗީފް ގައިޑް އަދި ފަސްޓްލޭޑީ ފަޒްނާ މަސައްކަތް ކުރައްވަން ފަށާފައިވާ ކަމަށާއި އެކަމަނާއަކީ ޒުވާނުންނަށާއި އަންހެން ކުދިންނަށް ނަމޫނާ ދައްކަވާ ބޭކަނބަލެއް ކަމަށެވެ.

މީގެ ކުރިން ވެސް ފަޒްނާ ވަނީ ކޮވިޑްގެ މި ހާލަތާ ގުޅިގެން ހިލޭސާބަހަށް މަސައްކަތްކުރައްވަން ބޭނުންފުޅުވާ ކަން ހާމަކުރައްވައި، އެކަމުގެ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.

މިއަދަކީ ފަޒްނާގެ އުފަން ދުވަހަށްވުމާއެކު އެކަމަނާއަށް ގިނަ ބައެއްގެ ހެޔޮ އެދުންތަކާއެކު، ދަރުމައަށް ކުރައްވާ މަސައްކަތް ފާހަގަކޮށް ތާރީފުގެ ޝުއޫރުތައް ސޯޝަލް މީޑިއާގައި ފާޅުކުރަމުން ގެންދެ އެވެ.

މީގެ ކުރިން މާލެއިން ކޮވިޑު އެންމެ ފުރަތަމަ ފެނިގެން ފުރަބަންދުކުރިއިރު އެ ކަމަނާ ވަނީ ދަރުމައަށް ގާލް ގައިޑް އެސޯސިއޭޝަނާއި ޔޫއެންޑީޕީ އަދި ނޭޝަނަލް ހެލްތު އެމަޖެންސީ އޮޕަރޭޝަނާއެކު މަސައްކަތްކުރައްވާފަ އެވެ.