ސިނަމާލެ ބްރިޖްގައި އޭރުގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒުގެ އެއްވެސް ހިއްސާއެއް ނޯންނާނެ ކަމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާއެކު ސިނަމާލެ ބްރިޖްގެ މަޝްވަރާތައް ކުރިއަށްގެންދިޔައީ ސީދާ އެމަނިކުފާނު ކަމަށެވެ. އަދި އެކަމާ ގުޅޭ ހުރިހާ ކަމެއް ވެސް ކުރިއަށްގެންދިޔައީ ރައީސް އޮފީހުގެ ތެރެއިން އިކޮނޮމިކް ކައުންސިލުން ކަމަށް ވިދާޅުވި އެވެ.

"ދެ ބުރިޖްގެ އިންޖިނޭރޭ ކިޔާނެ ހައްގެއް ނެތް. ހައުސިން މިނިސްޓަރުކަން ފިޔަވައި މުއިއްޒުގެ ހިއްސާއެއް ނޯންނާނެ،" ޔާމީން ވިދާޅުވި އެވެ.

ސަރުކާރަށް ފާޑުވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީ ގައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށެވެ. މީގެ އިތުރުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގައި ސަރުކާރު ނުކުޅެދިފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ގައުމުގެ މާލީ ހާލަތު ގޯސްވަމުންދާއިރު ސަރުކާރުން ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އަޅަމުން ނުދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ދަށަށް ގޮސް އަސާސީ ހިދުމަތްތަކުގެ އަގު ބޮޑުވަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޕީއެންއެފް ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެދުނީއްސުރެ ފެށިގޮތަށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ. ގައުމީ މަސްލަހަތު އިސްކޮށް ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމުގައި އެ ޕާޓީ ދެމިއޮންނާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.