އުމުރުން ދުވަސްވީ މީހުންގެ ސިއްހަތާއި ދިގު އުމުރާ ގުޅޭގޮތުން ހަދާފައިވާ އާ ދިރާސާއަކުން މުހިންމު އަދި ތަފާތު ހަގީގަތްތަކެއް ހާމަވެގެން ގޮސްފި އެވެ.

އެމެރިކާގެ ކަމާބެހޭ މާހިރުން 65 އަހަރުން މަތީގެ ގާތްގަނޑަކަށް 7,000 މީހުންގެ މައުލޫމާތު ބޭނުން ކޮށްގެން ކުރިއަށް ގެންދިޔަ މި ދިރާސާއިން ދައްކާ ގޮތުގައި، އުމުރުން ދުވަސްވުމުން ހަށިގަނޑުގެ ބީއެމްއައި މަތިވުމަކީ ނުރައްކަލެއް އޮތް ކަމެއް ނޫނެވެ.

އޭގެ ބަދަލުގައި، އުމުރުން ދުވަސްވާއިރު ބަރުދަން ކޮންމެވެސް ވަރަކަށް އިތުރުވުމަކީ ފައިދާހުރި ކަމެއްކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

ނަމަވެސް، މި ދިރާސާއިން އެންމެ ބޮޑަށް އިންޒާރު ދީފައިވަނީ ބަނޑުގެ ބޮޑުމިން ނުވަތަ ބަނޑުގައި ހުންނަ ސަރުބީގެ މިންވަރު އިތުރުވުމާ މެދުގަ އެވެ.

އުމުރުން ދުވަސްވީ މީހުންގެ ބީއެމްއައި މަތިކޮށް ހުރުމަކީ ކުއްލި މަރުގެ ނުރައްކާ ކުޑަކޮށްދޭ ކަމެއް ކަމަށް ދެއްކި ނަމަވެސް، ބަނޑުގެ ސަރަހައްދު ބޮޑުވެ ސަރުބީ އުފެދިފައި ހުރުމަކީ އެފަދަ މަރުތަކުގެ ނުރައްކަން 24 ޕަސެންޓް އިތުރު ކޮށްދޭ ކަމެއްކަން ދިރާސާއިން ކަށަވަރު ކޮށްދީފައިވެ އެވެ.

މި ކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރޮޑް އައިލެންޑް ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. ބްރަޔަން ބްލިސްމާ ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންގެ ސިއްހީ ހާލަތު ވަޒަން ކުރުމުގައި ހަމައެކަނި ބީއެމްއައި މިންގަނޑަށް ބަރޯސާވުމުގެ ބަދަލުގައި ބަނޑުގެ ބޮޑުމިންވެސް އެކުގައި ބެލުން މުހިންމު ކަމަށެވެ. މިއީ ސިއްހީ ގޮތުން ރަނގަޅު ނިންމުންތައް ނިންމުމަށް އެހީވެދޭނެ ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ޒުވާން އުމުރުގައި ބަރުދަން ލުއިކޮށް ހުރުމަކީ ރަނގަޅު ކަމަކަށް ވީ ނަމަވެސް، އުމުރުން ދުވަސްވުމުން ބަރުދަން މާ ބޮޑަށް ދަށްވުމަކީ ނުރައްކާތެރި ކަމެކެވެ.

ދިރާސާއިން ދައްކާ ގޮތުގައި އުމުރުން ދުވަސްވާއިރު މަސްތައް ގެއްލި، ހަށިގަނޑު ބަލިކަށިވުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން، ރަނގަޅު ކާނާ ކެއުމާއި މަސްތައް ރައްކާތެރި ކުރުމަށް ކަސްރަތު ކުރުމަކީ އުމުރު ދިގުކުރުމަށް އެހީވެދޭނެ މުހިންމު ކަންކަމެވެ.