ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް މާރުކުރަން މަޖުބޫރުކުރުމަކީ މުޅި އިގުތިސާދަށް އޭގެ ނޭދެވޭ އަސަރުކޮށް، ބޮޑު ލޮޅުމެއް އަރާނެ ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ރާއްޖޭގައި ހިންގާ ގިނަ ރިސޯޓުތަކަކީ ބޭރުގެ ބޭންކުތަކުން ލޯނު ނަގައިގެން ހިންގާ ބޭރުގެ އިންވެސްޓުމެންޓުތައް ކަމަށާއި، އެ ތަންތަނުން ބޭރު ފައިސާއިން އަދާކުރަންޖެހޭ ބޮޑެތި ދަރަނިތައް އޮންނަ ކަމަށެވެ. އަދި ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ޝައުގުވެރިވީ ފަތުރުވެރިކަމުގެ ދާއިރާއިން އެކަށީގެންވާ ނަފާއެއް ލިބޭތީ ކަމަށްވާއިރު، މިފަދަ ސިޔާސަތުތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލި، ފަތުރުވެރިކަމުގެ ސިނާއަތުގެ ހަމަޖެހުމަށް ނުރައްކާވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ، ބޭރު ފައިސާއާ ބެހޭ ގާނޫނަށް ބަދަލު ގެނެސް، ރިސޯޓުތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަންޖެހޭ ގޮތް ހެދުމަށް މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އިއުލާންކުރެއްވުމާ ގުޅިގެންނެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި، މިހާރު އޮންނަ ބޮލަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސައްތަ މާރުކުރާ އުސޫލު ބަދަލުކުރަން ނިންމީ އެމްއެމްއޭގެ ޑޮލަރު ރިޒާވު އިތުރުކޮށް، އެކްސްޗޭންޖު ރޭޓު ކަނޑައެޅުމުގެ މާލީ ބާރުވެރިކަން މަރުކަޒީ ބޭންކަށް ނެގުމަށެވެ. މީގެއިތުރުން ޑޮލަރު މާރުކުރަންޖެހޭ މުއްދަތު ތިން މަހުން އެއް މަހަށް ކުރުކުރުމާއި، ބޭންކުތަކަށް މާރުނުކުރާ ފައިސާ ހޭދަކުރާ ގޮތް ބެލޭނެ އުސޫލުތައް ގާނޫނުގައި ހިމެނުމަށް ވެސް ވަނީ ނިންމާފަ އެވެ.
ނަމަވެސް މަޓީން ވަނީ އާމްދަނީގެ 40 އިންސައްތަ މާރުކުރަން މަޖުބޫރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެ ދެމެހެއްޓެނިވި ނޫން ނިންމުމެއް ކަމަށް ބުނެފަ އެވެ.
މަޓީން ނެރުނު ބަޔާނެއްގައި ފާހަގަކުރި ގޮތުގައި، ތެލާއި، މުސާރައާއި، ސާވިސް ޗާޖާއި، ޓެކުހުގެ އިތުރުން ބޭރުގެ ލޯނުތައް ދެއްކުމަށް ރިސޯޓުތަކުން ބޮޑެތި ހޭދަތަކެއް ޑޮލަރުން ކުރަންޖެހެ އެވެ. އަދި ވަކިވަކި އޮޕަރޭޓަރުންނަށް ކުރެވޭ ތުހުމަތުތަކެއްގެ ސަބަބުން މުޅި ސިނާއަތަށް ބުރަވާނެ ފަދަ ސިޔާސަތުތަކެއް ކަނޑައެޅުމަކީ އިންސާފެއް ނޫން ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެފައިވެ އެވެ.
ބަރުދަން ލުއިކުރާ ބޭސް: ބުރުސޫރަ ރީތި ކުރަން ބޭނުން ކުރެވޭ!
ހާލަންޑްގެ "ރަން" އިސްތަށިގަނޑު ކޮށާލައިފި
ކާނިވާ ސަރަހައްދުން އުޅަނދުފަހަރު ނަގަން އަންގައިފި