ޑޮލަރުގެ ކަޅު ބާޒާރު ހިންގުމުގެ ފަހަތުގައި ރިސޯޓް ޗެއިންތަކާއި ކޮންސްޓްރަކްޝަން ކުންފުނިތަކާއި ސިޔާސީ ބައެއް މީހުން އެބަތިބި ކަމަށާއި، މި މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ކަޅު ބާޒާރުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ސަރުކާރުން ފެށި މަސައްކަތްތަކާ ގުޅޭ ގޮތުން މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ ވިދާޅުވީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ބޭރު ފައިސާ މާރުކުރާ 63 ތަން ހިންގަމުން އަންނަ ކަމަށެވެ. މިހާތަނަށް ބެލި ބެލިމުން، ހުއްދަ ނުނަގައި އެއްވެސް ލައިސަންސެއް ނެތި ވަރަށް ގިނަ ފަރާތްތަކުން މަނީ އެކްސްޗޭންޖް ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މިހާތަނަށް 7 ތަނަކާ ގުޅޭ މައުލޫމާތު އެއްކޮށްފަވާއިރު، އެ 7 ތަނުން ފާއިތުވި 9 މަސް ތެރޭގައި 76 މިލިއަން ޑޮލަރު ކަޅު ބާޒާރުގައި ވިއްކާފައިވާ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
"ޖިނާޢީ ކުށެއް ކޮށްގެން އަމިއްލަ ގޮތުންނާއި ވިޔަފާރިތަކުން ފައިދާ ހޯދުމަކީ މަނީ ލޯންޑަރކުރުން. އެންގިގެންވެސް ނޭނގި ވެސް މަނީ ލޯންޑްރިންގައި މި ބައިވެރިވެވެނީ. މި ތަންތަނުން ރާއްޖެއަށް ބޭރު ފައިސާ ވަންނަ މަސައްކަތެއް ނުކޮށް، މަނީ އެކްސްޗޭންޖް މަސައްކަތް މިކުރަނީ. އެކްސްޗޭންޖް ކުރާ ބައެއް މިއީ،" އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ މިކަމުގައި ރިސޯޓް ވިޔަފާރީގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކޮންސްޓްރަކްޝަން މަސައްކަތްކުރާ މީހުންނާއި ސިޔާސީ ދާއިރާގައި އުޅޭ ބައެއް މީހުން ވެސް ޝާމިލުވާ ކަމަށެވެ.
"ރިސޯޓް ޗެއިނަކުން އެބަވޭ ނުވަ މަސް ތެރޭގައި ހަތަރު މިލިއަން ޑޮލަރު ކަޅު ބާޒާރުގައި ވިއްކާފައި. ކޮންސްޓަރްކަޝަން ރިސޯޓު ހަދަން ޑޮލަރުން އާމްދަނީ ހޯދާފައި ވެސް ކަޅު ބާޒާރުގައި އެބަ ވިއްކާ. އަދި ކަޅު ބާޒާރުގެ އަގު ކަނޑައަޅަން ސިޔާސީ ބައެއް މީހުން ވެސް އެބަ ޝާމިލުވޭ،" އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ގާނޫނާއި ޚިލާފަށް ހިންގާ ބޮޑެތި ކުށްތަކެއް މީގެ ތެރޭގައި ހިމެނޭ ކަމަށެވެ. މި މައްސަލަތައް ބަލައި ގާނޫނުގެ ދަށުން ބޮޑެތި ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ހުއްދަ ނުނަގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ކޮންމެ ޓްރާންސެކްޝަނަކީ އެއަށް ގާނޫނުގެ ދަށުން އެމްއެމްއޭ އިން ފިޔަވަޅު އަޅާނެ ކަމަށް ކަމެއް ކަމަށް އިހުސާން ވިދާޅުވި އެވެ. އެގޮތުން 5،000ރ. އާއި 1 މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
ދެ ރަށެއްގެ ދަރިވަރުންނަށް ބީއެމްއެލް އިން އައިސީޓީ ސެޝަނެއް
ޝެލް ލުބްރިކަންޓްސް ރާއްޖެއަށް އެތެރެކޮށް ވިއްކަނީ ވިލާއިން
އެމްއެމްއޭގެ ތަސައްވުރަކީ ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކުރުން