ޅ. ހިންނަވަރުގެ އާބާދީ މަދުވިޔަ ނުދީ ހިފެހެއްޓުމުގެ ފިޔަވަޅެއްގެ ގޮތުން، އެ ރަށުގެ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން އިދާރީ ފީއެއްގެ ގޮތުގައި 2,000 ރުފިޔާ ނެގުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.
ހިންނަވަރު ކައުންސިލުން ސޯޝަލް މީޑިއާގައި އާންމުކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ ރަށުގެ ރަށްވެހިން ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ބަދަލުވުމަކީ ރަށުގެ އާބާދީގެ އަދަދަށް ނުރަނގަޅު އަސަރުތަކެއް ކުރަމުންދާ ކަމެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ރަށުގެ އާބާދީ އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން، ރަށްވެހިކަން ބަދަލުކޮށްދިނުމުގެ ހިދުމަތުގެ އިދާރީ ފީގެ ގޮތުގައި 2,000 ރުފިޔާ ނެގުމަށް ނިންމައި، އަންނަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ އުސޫލަށް އަމަލުކުރަން ފަށާނެކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.
ނަމަވެސް މި ފީ ނެގުމަށް ނިންމާފައި ވަނީ ކައުންސިލްގެ ރަސްމީ ބައްދަލުވުމަކުން ފާސްކޮށްގެން ކަމެއް ނުވަތަ ނޫން ކަމެއް ކައުންސިލްގެ އިއުލާނުގައި ބަޔާންކޮށްފައެއް ނުވެ އެވެ.
އާބާދީގައި މިހާރު 2,000 މީހުން ދިރިއުޅޭ ހިންނަވަރުން މިފަދަ ފީއެއް ނަގަން ނިންމާފައި ވާއިރު، ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާ ބެހޭ ގާނޫނު އޮންނަ ގޮތުން، މީހަކު އެހެން ރަށަކަށް ރަށްވެހިކަން ބަދަލުކުރުމުގެ ޝަރުތު ހަމަވެގެން އެދިއްޖެނަމަ، އެ މީހަކު އައު ރަށަށް ރަޖިސްޓްރީ ކޮށްދިނުމާއެކު ކުރީގެ ރަށުގެ ރަޖިސްޓްރީން އުނިކޮށްދިނުމަކީ ގާނޫނީ ގޮތުން އެ ރަށެއްގެ އިދާރާއިން ކުރަން ލާޒިމުވާ ކަމެކެވެ.
ރޯދަ މަހުގެ އުމްރާ ޕެކޭޖުތަކުން 7،000 ރުފިޔާ ބޮޑުކޮށްފި
20 އަހަރު ފަހުން ޖިއޯޖިއޯ އަރްމާނީގެ އާ ރޭންޖެއް "އައިވިލް"
އައްޑޫގައި އިންޑިއާ ކޮންސިއުލޭޓް ހަދަން ނިންމި ވާހަކަ ދޮގުކޮށްފި