ލެގޫންސް ސްޕޯޓްސް ކްލަބްގެ އިންތިހާބީ މައްސަލަތަކުގައި ކޯޓުން ނެރެފައިވާ ހުކުމްތަކަށް އަމަލުކޮށްފައި ނުވާކަމަށް ތުހުމަތުކޮށް، ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލްއާ ދެކޮޅަށް އެ ކްލަބްގެ ދެ މެންބަރަކު ސްޕޯޓްސް ކައުންސިލަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ލެގޫންސްގެ ދެ މެންބަރުން ކަމަށްވާ އަބްދުލް ވާހިދާއި އަހުމަދު އަލީ ސިޓީއަކުން ހުށަހެޅި މި މައްސަލައިގައި ބުނެފައި ވަނީ، ކްލަބްގެ ހިންގާ ކޮމިޓީގެ ދައުރު މާޗް 11 ގައި ހަމަވެފައި ވަނިކޮށް ވައިބާ މެދުވެރިކޮށް ބޭއްވި އިންތިހާބާއި މެންބަރުން ވަކިކުރި ނިންމުންތައް ބާތިލުކޮށް، 227 މެންބަރުންގެ ސައްހަ ދަފްތަރެއްގެ މައްޗަށް ސްޕޯޓްސް ކޮމިޝަނާގެ ބެލުމުގެ ދަށުން އިންތިހާބެއް ބޭއްވުމަށް ސިވިލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
އަދި އެ ހުކުމް ބާތިލުކުރަން ހައިކޯޓަށް ދިއުމުން، މި މަހުގެ 12 ގައި ހައިކޯޓުން ވެސް ނިންމީ ކްލަބްގައި މިހާރު އޮތީ ގާނޫނީ ގޮތުން ސައްހަ ހިންގާ ކޮމިޓީއެއް ނޫން ކަމަށް އެ ސިޓީގައި ބުންޏެވެ. ނަމަވެސް ކޯޓުގެ ނިންމުންތަކާއި ވަގުތީ އަމުރާ ހިލާފަށް، ކޮމިޝަނަރުގެ ބައިވެރިވުމެއް ނެތި ދައުރު ހަމަވެފައިވާ ކޮމިޓީން އަމިއްލައަށް ލިސްޓެއް ހަދައިގެން ބޭއްވި އިންތިހާބެއްގެ ނަތީޖާ ތޮލާލް ވަނީ އެންޑޯސްކޮށްދެއްވައި ދަފްތަރު އަޕްޑޭޓްކޮށްދެއްވާފައިވާ ކަމަށް އެ ސިޓީގައި ވަނީ ބުނެފަ އެވެ.
އެހެންކަމުން ކޯޓުގެ ހުރުމަތް ކެނޑޭގޮތަށް ތޮލާލް ކުރައްވާފައިވާ މި އަމަލުތައް ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް އެ މެންބަރުން ވަނީ އެދިފަ އެވެ.
މިކަމާ ގުޅިގެން ކޮމިޝަނަރު ތޮލާލް ވިދާޅުވީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ނޫނީ ވަކި އެއްޗެއް ބުނެވެން ނެތް ކަމަށެވެ.
މުޅިން އާ ވާހަކައަކާއެކު "ޕްރިންސަސް ޑައިރީސް 3" އަންނަނީ!
ކުނި އަޅާ މީހުން ހޯދަން އަމާން ޓަވަރުތަކުގައި ކެމެރާ ހަރުކޮށްފި
އުމުރުން 36 އަހަރުގައި "ސްކްރީމް"ގެ ތަރި ހޭޑެން މަރުވެއްޖެ