ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރު އަގު 22.10 ރުފިޔާއަށް އުފުލިއްޖެ އެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ވެސް ޑޮލަރުގެ އަގު މިހާ މަތީ މިންވަރަކަށް އުފުލުނު ފުރަތަމަ ފަހަރެވެ.
މިދިޔަ ޖުލައި މަހުގެ 29 ގައި ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 21.70 ރުފިޔާގައި ހުރުމަށްފަހު، ފާއިތުވި ދުވަސްތަކުގައި އަގު ވަނީ ނުހުއްޓި މައްޗަށް ގޮސްފަ އެވެ. އެގޮތުން މިދިޔަ ހަފުތާ ނިމުނުއިރުވެސް ޑޮލަރެއްގެ އަގު އުޅުނީ މީގެ ކުރިން ނުވާ މިންވަރެއް ކަމަށްވާ 21.85 ރުފިޔާގަ އެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަން ހައްލުކުރުމަށްޓަކައި، ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް ލިބޭ ޑޮލަރު ބޭންކުތަކަށް މާރުކުރުން މަޖުބޫރުވާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އާ ސިޔާސަތެއް އިއުލާނު ކުރައްވާފަ އެވެ. އެ ސިޔާސަތާއެކު ޑޮލަރުގެ އަގު އިތުރަށް މައްޗަށް ނުދާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ބާޒާރުގެ ހަގީގީ ހާލަތު ފެންނަނީ ސަރުކާރުގެ އުންމީދުތަކާ މުޅިން އިދިކޮޅަށެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ކޮވިޑް-19 ގެ ބަލިމަޑިކަމުގައި ބޯޑަރުތައް ބަންދުކޮށް، ފަތުރުވެރިކަން މުޅިން ހުއްޓުނު ދުވަސްވަރު ވެސް ޑޮލަރުގެ އަގު އެންމެ މައްޗަށް ދިޔައީ ކުރު މުއްދަތަކަށް 19.50 ރުފިޔާއަށެވެ. އަދި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިިއިރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 17.45 ރުފިޔާގަ އެވެ.
މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ޑޮލަރު ވިއްކުމަށް ކަނޑައަޅާފައިވާ ރަސްމީ ރޭޓަކީ 15.42 ރުފިޔާއެވެ. އެހެންކަމުން ކަޅު ބާޒާރުގެ މިހާރުގެ އަގަކީ ރަސްމީ ރޭޓަށްވުރެ 6.68 ރުފިޔާ ނުވަތަ 43.32 އިންސައްތަ ބޮޑު އަދަދެކެވެ.
އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލެނީ އެތެރެކުރާ މުދަލަށް ބޭނުންވާ ޑޮލަރު ރަސްމީ ބޭންކިން ނިޒާމުގެ ތެރެއިން ނުލިބުމާއި، ބޭރުގެ ދަރަނިތައް ދެއްކުމަށް ދައުލަތަށް ބޮޑެތި އަދަދުތަކުން ޑޮލަރު ބޭނުންވުމުގެ ސަބަބުން ކަޅު ބާޒާރުގައި ޑިމާންޑު ބޮޑުވުމުންނެވެ.
ޑޮލަރުގެ އަގު ކޮންޓްރޯލުން ނެއްޓުމުގެ ސަބަބުން ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގުތައް ހަލުވިކަމާއެކު މަތިވެ، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ އިގްތިސާދީ ގޮންޖެހުންތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
ހުޅުމާލޭ އިމާރާތެއްގެ ހަވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓިއްޖެ
އިޒްރޭލް ސިފައިން ޣައްޒާއިން ފައިބަން ދެކޮޅު ހަދައިފި
"ޑޮކްޓަރަކާ ގުޅުވައި ދައްކަނީ ހަގީގަތެއް ނެތް ވާހަކަތަކެއް"