ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ތަރިންގެ ތެރޭގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާގެ ކުޅިވަރު ހަޔާތުގެ އިތުރުން ފިލްމީ ދާއިރާއަށް ވަނުމަށް ބޮޑު މިސްރާބު ޖަހައިފި އެވެ.

އިނގިރޭސި ފުޓްބޯޅައިގެ އެތެރޭގެ ހިންގުންތަކުގެ މައްޗަށް ތައްޔާރުކުރާ އާ ޓީވީ ޑްރާމާ ސީރީޒް "ޑޭ ވަންސް"ގައި ރޮނާލްޑޯ ފެނިގެންދާނެ އެވެ.

އުމުރުން 41 އަހަރުގެ ޕޯޗުގަލް ކެޕްޓަން އަދި އަލް ނަސްރުގެ ފޯވާޑް ރޮނާލްޑޯ މި ސީރީޒްގައި އެކްޓް ކުރުމުގެ އިތުރުން އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ރޯލުވެސް އަދާކުރާނެ އެވެ. މިއީ ސިނަމާ އަދި ޓީވީ ޑްރާމާގެ ދާއިރާއިން ރޮނާލްޑޯ ފެންނާނެ ފުރަތަމަ ބޮޑު މަޝްރޫއު އެވެ.

މި ސީރީޒްގައި ރޮނާލްޑޯގެ އިތުރުން ފުޓްބޯޅައާއި ހޮލީވުޑްގެ ބޮޑެތި ނަންތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި އާސެނަލް އަދި ފްރާންސްގެ ލެޖެންޑް ތިއޭރީ އޮންރީ ވެސް ހިމެނެ އެވެ. ފުޓްބޯޅަ ދަނޑުމަތީގައި ވާދަވެރި މި ދެތަރިން މިހާރު ވަނީ އެކުގައި ކެމެރާ ކުރިމަތީގައި މަސައްކަތް ކުރަން ފަށާފަ އެވެ

އޭގެ އިތުރުން "ހޯމްލޭންޑް" އަދި "ބިލިއަންސް" ފަދަ މަޝްހޫރު ސީރީޒްތަކުން ފެނިގެންގޮސްފައިވާ އެވޯޑް ހޯދާފައިވާ އެކްޓަރު ޑޭމިއަން ލުވިސް، މި ސީރީޒްގައި ކުޅޭނީ "ސްޓެންލީ ޑާލްޓަން" ކިޔާ ނުފޫޒު ގަދަ ފުޓްބޯޅަ އޭޖެންޓެއްގެ މުހިންމު ރޯލެވެ.

"ޑޭ ވަންސް" އަކީ ހަގީގީ ފުޓްބޯޅަ ކުޅުންތެރިންގެ ދިރިއުޅުމުގެ މައްޗަށް ހަދާ ސީރީޒްއަކަށްވުރެ ބޮޑަށް، ފުޓްބޯޅައިގެ ވިޔަފާރިއާއި، އޭޖެންޓުންގެ މެދުގައި ހިނގާ ކަންކަމާއި، އަދި ކުޅިވަރުގެ ފަހަތުގައިވާ އަނދިރި އަދި ފޯރިގަދަ ކަންކަން ދައްކުވައިދޭ ޑްރާމާ އެކެވެ.

މި ސީރީޒް އުފައްދަނީ "ކިންގްސްމަން" ފްރެންޗައިޒްގެ ޑައިރެކްޓަރު މެތިއު ވޯން އާއި ރޮނާލްޑޯ ގުޅިގެން އުފައްދާފައިވާ "ޔޫއާރް-މާވް ސްޓޫޑިއޯސް" އިންނެވެ.

މި މަޝްރޫއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނެފައިވަނީ، މިއީ އޭނާގެ ކުޅިވަރު ހަޔާތުން ބޭރުގައި ކުރިއަށްދާން ލިބުނު ވަރަށް އުފާވެރި އަދި މުހިންމު ފުރުސަތެއް ކަމަށެވެ.

މިހާރުވެސް ލަންޑަންގެ ބާނެޓް އެފްސީ ސްޓޭޑިއަމްގައި މި ސީރީޒްގެ ޝޫޓިންގްތައް ފެށިގެން ކުރިއަށްދާއިރު، މިއީ ސްޓްރީމިންގް ޕްލެޓްފޯމްތަކުގެ (ނެޓްފްލިކްސް، އެމެޒޯން ފަދަ) މެދުގައި ބޮޑު ވާދަވެރިކަމެއް އުފެދިގެންދާނެ ވަރުގަދަ ސީރީޒްއަކަށް ވެގެންދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.