އިންޑިއާގެ ސްޓޭޓެއް ކަމަށްވާ އައްސާމްއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ފެންބޮޑު ވުމުގެ ކާރިސާގައި ހާލުގައި ޖެހިފައިވާ އެތައް ލައްކަ ބަޔަކަށް އެހީތެރިވުމަށް ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާން އިސް ނަގައިފި އެވެ.

ހަބަރުތައް ބުނާގޮތުގައި ސަލްމާން ވަނީ އޭނާގެ އިންސާނިއްޔަތަށް މަސައްކަތްކުރާ ޖަމިއްޔާ "ބީއިންގް ހިއުމަން"އާއި އަސާމްގައި ތިބި އޭނާގެ ފޭން ކްލަބްގެ މެންބަރުން ގުޅިގެން، ފޭސްތަކަކަށް ބަހާލައިގެން ވަރުގަދަ އެހީގެ ކެމްޕެއިނެއް ފަށާފަ އެވެ.

މި ކެމްޕެއިން ކުރިއަށްގެންދިއުމަށް ރޭވިފައިވަނީ ތަފާތު މަރުހަލާތަކަކަށް ބަހާލައިގެންނެވެ:

ފުރަތަމަ މަރުހަލާ (ވަގުތުން ދެވޭ އެހީ)

އެންމެ ފުރަތަމަ މަރުހަލާގެ ދަށުން ފެންބޮޑު ވެފައިވާ ސަރަހައްދުތަކުގައި ތިބި އާއިލާތަކަށް ވަގުތުން ކެވޭނެ ކާބޯތަކެތީގެ ޕެކެޓުތަކާއި ސާފު ބޯފެން ފޯރު ކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާ ފައެވެ. މީގެ އިތުރުން ވެސް އާއްމު ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ތަކެތި ދަނީ ފޯރު ކޮށްދެމުންނެވެ.

ދެވަނަ މަރުހަލާ

ކުރިއަށް އޮތް ހަފްތާތަކުގައި ހާލުގައިޖެހުނު އާއިލާތަކަށް ބޭނުންވާ ރޭޝަން ކިޓާއި ބޭސް ފަރުވާއަށް ބޭނުންވާ ސާމާނު ފޯރު ކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ތިންވަނަ މަރުހަލާ (އާބާދުކުރުން)

ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނު ސުކޫލްތަކާއި ހޮސްޕިޓަލްތައް އަލުން އާބާދުކޮށް، މަރާމާތު ކުރުމުގެ މަސައްކަތުގައި "ބީއިންގް ހިއުމަން"ގެ ފަރާތުން އެހީތެރިކަން ފޯރު ކޮށްދޭނެ އެވެ.

އައްސާމްގެ 600 އަށްވުރެ ގިނަ ގެތަކަށް ފެން ބޮޑުވުމުގެ އަސަރު ކޮށްފައިވާއިރު، 4.45 ލައްކައަށްވުރެ ގިނަ މީހުންނަށް ވަނީ މިކަމުގެ އަސަރު ކޮށްފަ އެވެ.

މި ކާރިސާގައި މިހާތަނަށް 68 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ގެދޮރާއި ދަނޑު ބިންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ސަބަބުން އެތައް ހާސް އާއިލާއެއް ވަނީ ވަގުތީ ހިޔާތަކާއި ރިލީފް ކޭމްޕްތަކަށް ބަދަލުވާން ޖެހިފަ އެވެ.

އެހެން ފަންނާނުން ސޯޝަލް މީޑިއާގައި މި ކާރިސާއަށް އާންމުންގެ ސަމާލުކަން ހޯދުމަށް ޕޯސްޓު ކުރަމުންދާއިރު، ސަލްމާންއަކީ އަމަލީ ގޮތުން ދަނޑުމަތީގައި ސީދާ އެހީތެރިކަން ފޯރު ކޮށްދޭން ފެށި މަދު ބޮލީވުޑް ތަރިންގެ ތެރެއިން އެކަކެވެ.